ވިޔަފާރި

އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ %23 އިތުރުވެއްޖެ


މިދިޔަ ޑިސެމްބަރުމަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އަދަދު އިތުރުވެ، އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 23 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2020ވަނަ އަހަރުގެ ޑިސެމްބަރުމަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން ލިބިފައިވަނީ 296 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ ޑިސެމްބަރުމަހު މިޢަދަދުވަނީ 364 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން 2020ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް 2.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިދިޔަ ޑިސެމްބަރުމަހު މި ޢަދަދު ހުރީ 4.5 ބިލިއަންގައެވެ. މިއީ 78 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ ، ޗައިނާ ، އަދި އިންޑިއާ އާއި އޮމާންއިންނެވެ. އެގޮތުން ޔޫ.އޭ.އީ އިން 713 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 575 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އިންޑިއާ އިން 504 މިލިއަން ރުފިޔާގެ މުދާ އަދި އޮމާން އިން 487 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައިވަނީ މެޝިނަރީއާއި އިލެކްޓްރިކް ސާމާނާއި، ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކެވެ.

އެކްސްޕޯޓަށް ބަލާއިރު 2020ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއިން 457 މިލއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ ޑިސެމްބަރުމަހު އެކްސްޕޯޓްކޮށްފައިވަނީ 327 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 28 އިންސައްތަ ދަށް އަދަދެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށާއި، ޖަރުމަންވިލާތަށާއި، މޮރިޝަސްއަށާއި، އިނގިރޭސިވިލާތުގެ އިތުރުން ޖަޕާނަށެވެ. އެގޮތުން ތައިލޭންޑަށް 37 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، ޖަރުމަންވިލާތަށްވަނީ 16 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައެވެ. އަދި މޮރިޝަސްއަށްވަނީ 9 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައެވެ. މި ޤައުމުތަކަށް ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ ގަނޑުކުރި މަހުގެ ބާވަތްތަކެއްވެ.

2020ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ ޑިސެމްބަރުމަހު ރާއްޖެ އެތެރެވި އުޅަނދުފަހަރުގެ އަދަދާއި ރާއްޖެއިން ފުރާފައިވާ އުޅަނދުގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން 2020ވަނަ އަހަރުގެ ޑިސެމްބަރުމަހު މުދާ ހިފައިގެން ރާއްޖެއަށް 138 އުޅަނދެއް އެތެރެވެފައިވާއިރު މިދިޔަ ޑިސެމްބަރުމަހު އެތެރެވެފައިވަނީ 117 އުޅަނދެވެ.