ޚަބަރު

ސެޓެލައިޓް ސްކޫލް ނިޒާމް އިފްތިތާޙްކޮށްފި


ސެޓެލައިޓް ސްކޫލް ނިޒާމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ހުރަވީ ސްކޫލްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސެޓެލައިޓް ސްކޫލް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިކަމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމަށްވާ ޖަޒީރާ ތަރައްޤީއަށް އައު ފެށުމެއްކަމަށެވެ. ސެޓެލައިޓް ސްކޫލް ޤާއިމްކޮށްފައިވަނީ، ބ. ފެހެންދޫ އާއި ވ. ތިނަދޫ އާއި ވ.ރަކީދޫ ސްކޫލުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުން މިއަދު ސެޓެލައިޓް ސްކޫލްގެ މަފްހޫމަށް ކިޔަވައިދިނުން އިފްތިތާޙްކޮށްދެއްވި 3 ރަށުގެ ދަރިވަރުންނަށް އެކުދިންގެ އަމިއްލަ ރަށުގައި ތިބެ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު ލިބިގެން އެދިޔައީ ގާތްގަޑަކަށް 12 ވަރަކަށް އަހަރުވަންދެން އެފުރުޞަތު ނުލިބި އޮތުމަށްފަހުކަން ފާހަގަކުރެއްވިއެވެ. އަދި މި ލިބުނު ފުރުޞަތާއެކު މި ރަށްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ ތަޢުލީމީ ދާއިރާ ކުރިއަރުވާ ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

ސެޓެލައިޓް ސްކޫލް މަފްހޫމަށް ކިޔަވައިދޭން ފެށި ސްކޫލްތަކަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިވަގުތު ނިޒާމީ ތަޢުލީމު ފޯރުކޮށް ދިނުމަށް ސަރުކާރުގެ ސްކޫލެއް ޤާއިމް ވެފައި ނުވާ ރަށްތަކެއް ކަމުގައިވާ ބ. ފެހެންދޫ ވ. ތިނަދޫ އަދި ވ.ރަކީދޫގެ ސްކޫލެވެ. ދިރާސީ އަހަރު 2021-2022ގައި މި ސްކޫލްތަކުގައި ކިޔަވާދިނުމަށް ހަމަޖެހިފައިވަނީ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 8ގެ ނިޔަލަށެވެ. ސެޓެލައިޓް ސްކޫލްތައް ފެށިގެން ދާއިރު މިއިން ކޮންމެ ސްކޫލެއްގައި 2 ޓީޗަރުންނާއި 1 އެޑްމިން އޮފިސަރަކާ، މަސައްކަތު މީހަކު، މަސައްކަތް ކުރާނެއެވެ.

ސެޓެލައިޓް ސްކޫލްތަކުގައި ހައި ސްޕީޑް އިންޓަރނެޓް މެދުވެރިކޮށް އޮންލައިންކޮށް ކިޔަވާދިނުން ކުރިޔަށްގެންދާއިރު މި ނިޒާމުގައި ދަރިވަރުން ކިޔެވަންދާނީ އެކުއްޖެއްގެ އަމިއްލަ ރަށުގެ ސުކޫލަށެވެ. ސެޓެލައިޓް ސްކޫލުތަކަށް ކިޔަވައިދިނުމަށް ޚާއްސަ ކުރެވިފައިވާ ޓީޗަރުން ތިއްބަވާނީ މާލޭގެ ހުރަވީ ސްކޫލުގައި ޤާއިމުކޮށްފައިވާ ސެޓެލައިޓް ހަބް ސެންޓަރުގައެވެ. ކިޔަވައި ދެއްވާ ޓީޗަރުން އެހެން ރަށެއްގައި ތިއްބެވި ނަމަވެސް ފެސިލިޓޭޓަރ ޓީޗަރުން އަބަދުވެސް ދަރިވަރުންނާއެކު ކްލާސްތަކުގައި މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން މި ދަރިވަރުންނަށް އިތުރު ހަރަކާތްތައް ހިންގުމުގައި ބެލެނިވެރި ސްކޫލްތައް ގޮތުގައި ބ.ގޮއިދޫ ސްކޫލާއި، ވ.ކެޔޮދޫ ސްކޫލާއި ވ.އަތޮޅު ތަޢުލީމީ މަރުކަޒު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި މި ބެލެނިވެރި ސްކޫލުން ރާވާ ހިންގާ އިތުރު ހަރަކާތްތަކުގައި ސެޓެލައިޓް ސްކޫލު ދަރިވަރުން، ބެލެނިވެރި ސްކޫލަށް ހާޒިރުވެގެން ބައިވެރިވާނޭ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާފައެވެ.

ބެލެނިވެރި ސްކޫލްގެ ޒިންމާތަކުގެ ތެރޭގައި ސެޓެލައިޓް ސްކޫލްގެ މާލީ ކަންކަން ބަލަހައްޓައިދިނުމާއި ސެޓެލައިޓް ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ކުޅިވަރު ހަރާކާތްތަކާއި އެހެނިހެން ހަރާކާތްތައް ރާވައިހިންގުން ވެސް ހިމެނެއެވެ.