ކުޅިވަރު

ބަންގްލަދޭޝް މެޗްގައި ޓީމަށް ބަދަލްތަކެއް އަންނާނެ - ސާޖިދު


ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމުން ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި ގައުމީ ޓީމަށް ކޯޗުކޮށްދޭނީ ތަޖްރިބާކާރު ކޯޗު މުޙައްމަދު ސާޖިދުކަމަށް ވީއޭއެމްއިން ބުނެފިއެވެ. ބަންގްލަދޭޝްއާއި ދެކޮޅަށް ޤައުމީ ވޮލީ ޓީމް އެކުވެރިކަމުގެ މެޗްތަކެއް ކުޅޭއިރު، އެންމެ ފަހުން ބަންގްލަދޭޝްގައި ނިމިގެންދިޔަ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދު ދީފައިވަނީވެސް ކޯޗް މުހައްމަދު ސާޖިދެވެ.

ބަންގްލަދޭޝާއި ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، މިމެޗްތައް ކުރިއަށްދާނީ މިއަންނަ މަހުގެ 6ކުން 12 އަށެވެ. މިތިން މެޗަކީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަމަޖެހިގެންދިޔަ ތިން މެޗެވެ. މިތިން މެޗާއި ބެހޭގޮތުން ވާހަކަދައްކަމުން ކޯޗު މުޙައްމަދު ސާޖިދުބުނީ މިތިން މެޗްއަށް ގައުމީ ޓީމްއަށް ބަދަލްތަކެއް އަންނާނެކަމަށާއި ގިނަ ޒުވާން ކުޅުންތެރިންތަކެއް ފެނުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި ނިމިގެންދިޔަ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ޤައުމީ ޓީމްގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ސެޓަރު ހުސެއިން ވިޝާމާއި ހަސަން ނިލާމް މިމެޗްތަކުން ނުފެންނާނެކަމަށެވެ. ކޯޗް ސާޖިދު ބުނީ މިދެ ކުޅުންތެރިން އަމިއްލަ ސަބަބުތަކަށްތަކައި މިވަގުތު ގައުމީ ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވާން އުޒުރުވެރިވެފައިވާކަމަށެވެ. އަދި ގައުމީ ބީޗް ވޮލީ ޓީމުގެ ފަރިތަކުރުންތަކުގައި އާދަމް ނަސީމާއި އިސްމާޢީލް ސާޖިދު ބައިވެރިވަމުންދާތީ، އެ ދެ ކުޅުންތެރިން ވެސް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވާނެއެވެ. ނަމަވެސް މިދެ ކުޅުތެރިންގެ ބޭނުން ބަންގްލަދޭޝާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ބޭނުން ކުރަން ނިންމާފައިވާކަމަށް ކޯޗް މުޙައްމަދު ސާޖިދު ބުންޏެވެ.

ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ގައުމީ ވޮލީ ޓީމް ތައްޔާރުވުމުގެ ގޮތުން ވަނީ ލަންކާގެ ޤައުމީ ވޮލީ ޓީމް އަދި އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާރސްއާއި ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. މިމެޗްތަކުގެ ތެރެއިން ލަންކާއާއި ދެކޮޅަށް ކުޅުނު ތިން މެޗުންވެސް ރާއްޖެ ބަލިވެފައިވާއިރު، އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާރސްއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖޭގެ ގައުމީ ޓީމުވަނީ މޮޅުވެފައެވެ.