ވިޔަފާރި

ޓްރެވަލް އެޖެންސީތަކުގެ އަހަރީ ރިޕޯޓް ހުށަހަޅަން އަންގައިފި


ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ޓްރެވެލް އެޖެންސީގެ އަހަރީ ރިޕޯޓު ހުށަހަޅަން ޓޫރިޒަމް މިނިސްޓްރީން އަންގައިފިއެވެ.

ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދުގެ 9ވަނަ މާއްދާގެ ދަށުން ޓްރެވަލް އެޖެންސީގެ އަހަރީ ރިޕޯޓެއް ކޮންމެ އަހަރެއްގެ ޖޫން މަހުގެ 30ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެއެވެ. އެހެންކަމުން 2021ވަނަ އަހަރުގެ އަހަރީ ރިޕޯޓު 30 ޖޫން 2022ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ޓްރެވެލް އެޖެންސީތަކަށް އަންގަވާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ 2021ވަނަ އަހަރުގެ އަހަރީ ރިޕޯޓް މި މުއްދަތުގެ ކުރިން ހުށަނާޅާ ފަރާތްތަކަށް އެ މިނިސްޓްރީން ދޫކޮށްފައިވާ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާޠިލުކުރުމުގެ އިޚްތިޔާރު އެ މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ.

ޓްރެވެލް އެޖެންސީތައް ހިންގުމުގެ ޤަވާއިދަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25ވަނަ ދުވަހު އިސްލާހު ގެނެސް ވަނީ އަލުން ގެޒެޓްކޮށްފައެވެ. ކުރިން އޮންނަގޮތުން އަހަރީ ރިޕޯޓު ހުށަނާޅާނަމަ ޓްރެވެލް އެޖެންސީ ހިންގުމުގެ ހުއްދަ އަމިއްލައަށް ބާޠިލްވެއެވެ. ނަމަވެސް ފަހުން ގެނައި އިސްލާހާއެކު ރިޕޯޓް ހުށަނާޅައިފިނަމަ ހުއްދަ ބާޠިލްކުރާނީ މިނިސްޓްރީން ނޯޓިސް ދިނުމަށްފަހުއެވެ.