ވިޔަފާރި

ހުޅުމާލެ މިނީ މޯލްގެ ޔުނިޓްތައް ކުއްޔަށް ދޫކުރަން ފަށަނީ


ހުޅުމާލޭގެ މިނިމޯލްގެ ޔުނިޓްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.  މިނީ މޯލްއަކީ، އެއް ޢިމާރާތެއްގައި އެކި ބާވަތުގެ ވިޔަފާރި މުދާ ގަންނަން ލިބެން ހުންނަ އެކި ޚިދުމަތްތައް ލިބެން ހުންނަ ވިޔަފާރި އެކުވެންޏެކެވެ. މިނީ މޯލްގައި އެކި ކަންތައްތަކަށް ޚާއްޞަ 21 ޔުނިޓް ހުރެއެވެ. ތަފާތު ވިޔަފާރިތަކާއި އެހެނިހެން ވަޞީލަތްތަކާއެކު ޒަމާނީ ބިނާވެއްޓެއްގެ ގޮތުގައި ތަރައްޤީކުރައްވަމުން އަންނަ ހުޅުމަލޭގައި ހަދާފައިވާ މިނި މޯލްގެ ޔުނިޓްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުޞަތު ހުޅުވަލާފައެވެ.ހުޅުމާލެ ހޮސްޕިޓަލް ކައިރީގައި ތިންބުރިއަށް ހަދާފައިވާ މިނިމޯލްއަށް ދީފައިވާ ނަމަކީ "ސެންތްރޯ". ތަފާތު ވިޔަފާރިތަކަށް ޚާއްޞަކޮށްގެން 21 ޔުނިޓް އެ މޯލްގައި ހުރެއެވެ. ގްރައުންޑް ފްލޯރއިން މޯލްޑިވްސް އިސްލާމިކް ބޭންކް އަދި މޮރިޝަސް ކޮމަރޝިއަލް ބޭންކަށް ދެ ޔުނިޓް ވަނީ ކުއްޔަށް ދީފައެވެ. ގްރައުޑް ފްލޯއިން ދެން ޔުނިޓްތައް ކަނޑައަޅާފައިވަނީ،  ޕޭސްޓްރީ ޝޮޮޕަކާއި، ބުކްޝޮޕަކާއި ސުޕަރ މާރކެޓަކަށެވެ. ފުރަތަމަ ފްލޯރ ގައި 7 ޔުނިޓެއް ހެދުމާއި ރީތިވާ ސާމާނު ވިއްކުމަށް ޚާއްޞަ ކުރެވިފައިވާއިރު، ފޮތީގެ ވިޔަފާރިއާއި ސުޕަރމާރކެޓަކަށްވެސް ފުރަތަމަ ފްލޯރގައި ޔުނިޓް ކަނޑައަޅާފައިވެއެވެ. ދެވަނަ ފްލޯރގެ 12 ޔުނިޓެއް ޚާއްޞަ ކޮށްފައިވަނީ ކުދި ކައުންޓަރ ހަދައިގެން، ކިއޮސްކްގެ ގޮތައް ޚިދުމަތްދިނުމަށެވެ. ދެވަނަ ފްލޯރގައި ކްލިނިކަކާއި، ފޮތީގެ ވިޔަފާރިއަށް ޚާއްޞަ ޔުނިޓަކާއި، ސެލޫނެއް ހެދުމަށް ޚާއްޞަ ޔުނިޓެއްވެސް ހުންނާނެއެވެ. ތިންވަނަ ފްލޯރ ޚާއްޞަ ކޮށްފައިވަނީ ގެއަށް ބޭނުންވާ ސާމާނާއި ކަރަންޓް ސާމާނުތަކަށެވެ. މީގެ އިތުރުން މޯލްގެ ޓެރަސްގައި، ފެންވަރު ރަނގަޅު ރެސްޓޯރެންޓެއް ހެދުމަށްވެސް ވަނީ ނިންމަވާފައެވެ. މިތަންތަން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ، 3 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށެވެ.  މިތަންތަން ކުއްޔަށް ހިފަން ބެނުންވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 18 ން 21 އަށެވެ. ޔުނިޓްތައް ދޭނެ ފަރާތްތައް ކަނޑައަޅާނީ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެއްވުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.  އެތަނުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް އެޗްޑީސީން މައުލޫމަތު ދެއްވައެވެ. މިނީމޯލް ހެދުމަށް 28 މިލިއަން ރުފިޔާއަށް ޖައުސާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައިވަނީ، 2012 ވަނަ އަހަރުއެވެ. މި މިނީ މޯލް އަކީ ހުޅުމަލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ހަދާފައިވާ ތަނެކެވެ.