ޚަބަރު

އިސްލާމިކް ޔުނިވަރސިޓީއަށް އެއްލައްކަ ޑޮލަރު ހަދިޔާކުރައްވައިފި !


ސަޢޫދި ޢަރަބިޔާގެ ޝޫރާ ކައުންސިލްގެ ރައީސް ޑރ.ޢަބްދުﷲ ބިން މުޙައްމަދު ބިން
އިބްރާހީމް ބިން އާލް-ޝައިޚް ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަށް ސަތޭކަ ހާސް އެމެރިކާ
ޑޮލަރު ހަދިޔާ ކުރައްވައިފިއެވެ. 

ޑރ.ޢަބްދުﷲ ވަނީ، އިސްލާމިކް ޔުނިވަރސިޓީއަށް
ޒިޔާރަތްކުރައްވައި، ޔުނިވަސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާހިރު ޙުސައިނާއި، ވައިސް
ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޔުނިވަސިޓީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.  

ޔުނިވަރސިޓީގެ
ވައިސް ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ،
ސަޢޫދީޢަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސް ކުރެއްވި ޒިޔާރަތުގައި އިސްލާމިކް
ޔުނިވަސިޓީގެ މަސައްކަތްތައް ހިނގާ ގޮތް ބައްލަވާލައްވައި، އެތަނަށް ބޭނުންވާ ކަންކަމާއި، ދިމާވެފައި ހުރި ދަތިތައް އޮޅުންފިލުއްވިކަމަށެވެ. އަދި އެ ޔުނިވަރސިޓީއަށް ސަތޭކަހާސް ޑޮލަރު
ހަދިޔާކުރެއްވިކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އިސްލާމިކް ޔުނިވަސިޓީގެ
ފަރާތުންވެސް އެތާނގެ މަޢުލޫމާތު ޑރ. ޢަބްދުﷲ އަށް ޙިއްޞާކުރައްވާފައިވެއެވެ.