ވިޔަފާރި

4 ވިޔަފާރިއަކަށް އެހީވުމަށް، ބީއެމްއެލްއިން 500،000 ރުފިޔާގެ އެހީ ދެނީ


އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން "ސްޓާޓަޕް ގްރާންޓް" އިފްތިހާހުކޮށްފިއެވެ.

މިއީ މިއަހަރު ބީއެމްއެލްއަށް 40 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގާ އެއް ހަރަކާތެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިނގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދެވޭ ހިލޭ އެހީއެކެވެ. ހުށަހެޅޭ ވިޔަފާރި ޕްލޭންތަކުގެ ތެރެއިން ހޮވާލެވޭ ހަތަރު ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކާމިޔާބު ކަމާއެކު އެފަރާތެއްގެ ޕްލޭނާ އެއްގޮތަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިނޭންޝަލް ލަފާވެސް ބޭންކުން ފޯރުކޮށްދޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއްކަމަށެވެ. މި ޕްރޮގްރާމުގެ ޒަރިއްޔާއިން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދައި އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމަޢަށާއި އިގްތިސާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ސްޓާޓަޕް ގްރާންޓަށް އެޕްލިކޭޝަން ފޮނުމުގެ ސުންގަޑިއަކީ އަންނަ މާރޗް މަހުގެ 16ވަނަ ދުވަހެވެ.
ބޭންކުން ވަނީ އެބޭންކުގެ 40ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ދެ ހަރަކާތެއްގެ ގޮތުގައި "ބީއެމްއެލް ސްކޮލާޝިޕް ފަންޑު" އަދި ޤައުމީ ކުތުބުޚާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީވުމަށްވެސް ނިންމާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަހަކީ، ނޮވެމްބަރުމަހުގެ 11ވަނަ ދުވަހެވެ.