ވިޔަފާރި

ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނަށް އިމިގްރޭޝަންގެ ޚާއްސަ ކައުންޓަރެއް


ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ އިމިގްރޭޝަން ކައުންޓަރެއް ޤާއިމުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިކަން ހާމަކޮށް ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، ތަންފީޒީ އިދާރާތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަކީ ޑިއުޓީ ގަޑީގައި ރައްޔިތުންނާ ގުޅުންހުރި ނާޒުކު އަދި މުހިންމު މަސައްކަތަކެއް ކުރައްވާ ބައެއްކަމުން އެފަދަ މުވައްޒަފުންނަށް ޚިދުމަތް ހޯދުމުގައި ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އިމިގްރޭޝަނުން ނިންމާފައިވާކަމަށެވެ.

ތަންފީޒީ އިދާރާތަކުގެ ގޮތުގައި 6 އިދާރާއެއްގެ މުވައްޒަފުން އިމިގްރޭޝަނުން ފާހަގަކުރައްވާފައިވެއެވެ. އެއީ ދިވެހި ފުލުހުންނާއި، ސިފައިންނާއި، ކަސްޓަމްސް ސާވިސް މުވައްޒަފުންނާއި، ކަރެކްޝަނަލް ސާވިސް މުވައްޒަފުންނާއި، އޭވިއޭޝަން ސެކިއުރެޓީ ކޮމާންޑުގެ މުވައްޒަފުންގެ އިތުރުން އެޗްޕީއޭގެ ބޯޑަރ ހެލްތު މުވައްޒަފުންނެވެ.

އިމިގްރޭޝަނުން ވިދާޅުވެފައިވަނީ މި އިދާރާތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުން، ޕާސްޕޯޓު ހަދާއިރު އެހެން މީހުންނެކޭ އެއްގޮތަށް އޮންލައިންކޮށްވެސް އެޕްލައި ކުރެވޭނެ ކަމަށެވެ. ނަމަވެސް ޕާސްޕޯޓް ނަގަންދާއިރު އޮފީސް ކާޑު ގެންދިއުމުން ޕާސްޕޯޓު ނެގުމުގެ ކަންކަން އެކަމަށް ޚާއްސަކޮށްފައިވާ ކައުންޓަރުން ލިބޭނެކަމަށެވެ.

ރާއްޖޭގެ ތަންފީޒީ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާކީ ގިނަކަންކަމުގައި ލުއިފަސޭހަ ގޮތްތަކެއް ލިބޭ މުވައްޒަފުންނެވެ. އެގޮތުން އެޗްޕީއޭގެ ގައިޑްލައިންތަކުގެތެރެއިން މިތަންތަނުގެ މުވައްޒަފުންނަށް މިހާރުވެސް ޚާއްސަ އިސްކަމެއްދެއެވެ.