ބީބީ ރަނާސްއަށް އެންމެ އަގުހުރި ހިދުމަތެއްކޮށްދެއްވި ބޭފުޅަކަށް އެޖަމިއްޔާގެ ރައީސް އަހުމަދު ނަސީރު ވެއްޖެއެވެ. އަހުމަދު ނަސީރުއަށް މިއެވޯޑް ދީފައިވަނީ ރޭގައި ބޭއްވި އެޖަމިއްޔާގެ ބީބީ ރަނާސްގެ ކޮފީ ނައިޓްގައެވެ. މިނައިޓްގެ އެންމެ މުހިންމު އެވޯޑް ދެއްވާފައިވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ދުވުންތެރިޔާ ޢަލީ ހާލިދެވެ. ބީބީ ރަނާސްއަކީ އެއްވެސް އަގަކާއި ނުލައި ދުވުންތެރިންނަށް އެހީތެރިވެދޭ ޖަމިއްޔާއެކެވެ.
މިރަސްމިއްޔާތުގައިވަނީ ބީބީ ރަނާސްގެ ޚާއްސަ އެވޯޑްތަކެއް ދީފައެވެ. އެގޮތުން އެންމެ ޒުވާން ދުވުންތެރިޔާގެ މެޑަލް ހޯދާފައިވަނީ މުހައްމަދު ޖުވެއިލެވެ. ބީބީ ރަނާސްއަށް އެންމެ ހިދުމަތްކޮށްދެއްވި ފަރާތަކީ އިބްރާހިމް ހުސެއިނެވެ. އަދި އެންމެ ދުވަސްވީ އެންމެ ބާރު ދުވުންތެރިޔާގެ މެޑަލް ހޯދާފައިވަނީ އިސްމާޢީލް ރަޝީދެވެ. ދުވެގެން ސިއްހީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ދުވުންތެރިޔާގެ މެޑަލް ހާސިލްކުރީ މުހައްމަދު ހަސަނެވެ. މުހައްމަދު ހަސަނަކީ ކުރިން ހަކުރުބަލި ހުންނަ ބަލިމީހެކެވެ. އަދި މުހައްމަދު ހަސަން 400އިގައި ހަކުރު ހުއްޓާ، އޭނާވަނީ ދުވެގެން ބޭސްނުކައި، ހަކުރު ދައްކޮށްފައެވެ. އަދި ބީބީ ރަނާސްއަށް އެންމެ ބޮޑަށް ހަރަދުކޮށް، އެހީތެރިވެދިން ފަރާތަކީ ސަލީމެވެ. އަދި ބީބީ ރަނާސްގެ ފޮޓޯ ނެގުމުގެ މެޑަލް ހޯދާފައިވަނީ ކަރޯ އިބްރާހީމް އައްބާސެވެ.
މިރަސްމިޔާތުގެ ޝަރަވްވެރި މެހެމާން މަޝްހޫރު ދުވުންތެރިޔާ އަދި ޕީއެސްއެމްގެ ޢަލީ ޚާލިދު ވިދާޅުވީ ރާއްޖޭގައި ދުވުންތެރިންގެ ޖަމިއްޔާތައް ވަރަށް ގިނަކަމަށާއި ނަމަވެސް އޭގެ ތެރެއިން ބީބީ ރަނާސްއަކީ ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ޖަމިއްޔާއެއްކަމަށެވެ. އަދި މިކުލަބުން ހާސިލް ކުރެވިފައިވާ ކަންތައްތައް ވަރަށް ގިނަކަމަށާއި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މުހިންމުކަމަކީ ޖަމިއްޔާ ކުރިއަށް ގެންދިއުމުގައި މެންބަރުން އަތުން އެއްވެސް ފީއެއް ނުނަގާކަމަށެވެ. އަދި މިކުލަބްގައި ވަރަށް ގިނަ އިވެންޓްތައްވެސް ރޭވޭކަމަކީ ވަރަށް ފާހަގަކޮށްލެވޭކަމެއްކަމަށްވެސް ޢަލީ ޙާލިދު ވިދާޅުވިއެވެ.
"ދުވަސްތަކާއި ގުޅިގެން ބީބީ ރަނާސްއިން ވަރަށް ގިނަ އިވެންޓް ފާހަގަކޮށްލެވޭ. އަޅުގަނޑު ކުލަބަށް އެއްޗެއް ބުނެލަން ބޭނުންކަމަށްވާނަމަ، ދެކަމެއް ފާހަގަކޮށްލަންޖެހޭ. އެއްކަމަކީ ކުލަބަށް އަންހެން މެންބަރުން އިތުރުކުރުން، ދެ ޖިންސް ހަމަހަމަ ކުރެވޭތޯ ބެލުން. އަނެއްކަމަކީ އެހެންކުލަބްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއްލުން." ޢަލީ ޚާލިދު ބުންޏެވެ.