ޚަބަރު

ކަނޑައެޅި މުއްދަތުގެ 4 މަސް ކުރިން ކެނެރީފް ރިސޯޓު އަލުން ހުޅުވައިފި


ބަންދު ކުރިތާ ދެ އަހަރު ފަހުން، އައްޑޫސިޓީ ހެރެތެރޭގައި ހިންގަމުން އަންނަ ކެނެރީފް ރިސޯޓު އަލުން ހުޅުވައިފިއެވެ.

ކެނެރީފް ރިސޯޓުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެރިސޯޓު ފުރަތަމަ ހުޅުވުމަށް ރާވާފައި އޮތީ މިއަހަރުގެ އެޕްރީލް މަހުގައި ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ހުޅުވުމަށް ކަނޑައެޅި ތާރީޙުގެ 4 މަސް ކުރީން އަލުން ރިސޯޓު އާންމުކޮށް ހުޅުވާވިފައިވާ ކަމަށެވެ.

މި ރިސޯޓުގައި 271 ކޮޓަރި ހުރެއެވެ. ރިސޯޓު މިފަހަރު ފުރަތަމަ ހުޅުވަނީ 142 ކޮޓަރި އޮޕަރޭޝަނަށް ގެނެސްގެންނެވެ. ރިސޯޓު ހުޅުވުމަށްޓަކައި މިހާރުވެސް އޮޕަރޭޝަނަށް ގެންނަ 142 ކޮޓަރީގެ ތެރެއިން 140 ކޮޓަރި ރިސޯޓު ލައިފް ކުންފުނިން ގަނެފައިވާ ކަމަށް ކެނެރީފުން ބުނެއެވެ. މިއީ ރިސޯޓުގެ ރިސެޕްޝަން އޭރިއާގެ އިރުމަތިން ހުރި ކޮޓަރިތައް ކަމަށް އެރިސޯޓުން މަޢުލޫމާތު ދެއެވެ. މިއާއިއެކު ރިސޯޓު އޮޕަރޭޝަންވެސް ފަށާނީ ފުލް އޮކިއުޕެންސީއެއްގައިކަމަށް އެ ރިސޯޓުން ހާމަ ކުރެއެވެ.

ކެނެރީފް ރިސޯޓުން ބުނިގޮތުގައި ރިސޯޓު ހުޅުވުމުގައި ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ. އެގޮތުން ރިސޯޓު ހުޅުވުމަށް ބޭނުންވާ އެކި ހުއްދަތަކާއި ލައިސަންސްތައް އިކޮނޮމިކް މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ވަރަށްއަވަހަށް ފޯރުކޮށްދީ، ހުޅުވުމުގެ ކުރީން ފުރިހަމަވާންޖެހޭ ހުރިހާ މަސައްކަތެއް ފުރިހަމަ ކުރެވިގެންދިޔަ ކަމަށް އެފަރާތުން ފާހަގަކުރެއެވެ. މީގެ އިތުރުން ގަން އެއާޕޯޓާއި އައްޑޫސިޓީ ކައުންސިލުގެ އިތުރުން އައްޑޫ ފޭދޫ ދައިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދާއި މީދޫ ދައިާގެ މެންބަރު ރޮޒައިނާ އާދަމް، ކޮށްދެއްވި މަސައްކަތް ރިސޯޓުން ވަނީ ފާހަގަކޮށްފައެވެ.

ކޯވިޑާ ގުޅިގެން އައްޑޫގެ އެންމެ ބޮޑު ދެ ރިސޯޓު ބަނދުވިއިރު، ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަވެ ރަނގަޅު ވަމުންދާ ދުވަސްވަރު ރިސޯޓުތައް ބަނދުވެފައި އޮތުމަކީ އައްޑޫގެ ރައްޔިތުންގެ ވަރަށްބޮޑު ކަނބޮޑުވުމެކެވެ. މިކަމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓްރީންވެސް ވަނީ ރިސޯޓު އަވަހަށް ހުޅުވުމަށް ގިނަ މަސައްކަތަކެއް ކުރަމުންދާކަން މީގެ ކުރިން ހާމަކުރައްވާފައެވެ.