ވިޔަފާރި

ފަތުރުވެރިކަމަށް ޒުވާނުން ޝައުގުވެރިކުރުވުމަށް ކުރު ވީޑިއޯތަކެއް ހަދަނީ


ފަތުރުވެރިކަމުގެ ސިނާއަތައް ޒުވާނުން ޝައުޤުވެރިކުރުވުމަށް ވީޑިއޯ ތައްޔާރުކުރުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ. މި ވީޑިއޯ ތައްޔާރުކުރުމަށް ބޭނުންވާ ފަރާތްތަކުން އަންދާސީހިސާބު ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 24ވަނަ ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި ވީޑިއޯތައް ތައްޔާރުކުރުމުގެ ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅޭގޮތުން މީހުން ހޭލުންތެރިކޮށް، މިދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތައް އަންގައިދިނުމެވެ. މި ވީޑިއީތައް ތައްޔާރުކުރަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ކުރު ވީޑިއޯއާއި ޑޮކިއުމަންޓްރީއެވެ.

ކުރު ވީޑިއޯގެ ދިގުމިނަކީ 2 މިނެޓެވެ. ކުރު ވީޑިއޯގެ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ޒުވާނެއްގެ ވީޑިއޯއާއި، ފަތުރުވެރިކަމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް އަދި މަތީ ފަންތީގައި މަސައްކަތްކުރާ ފަރާތެއްގެ ވީޑިއޯ ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޑޮކިއުމަންޓްރީގެ ގޮތުގައި 3 ވީޑިއޯއެއް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ރާއްޖެއަށް ފަތުރުވެރިކަން އައިގޮތާއި، ރާއްޖޭގެ ރިސޯޓްތައް މަސައްކަތްކުރާ ގޮތާއި، ރިސޯޓެއްގެ މުވައްޒަފެއްގެ 1 ދުވަހުގެ މަސައްކަތް ކުރިއަށްދާގޮތެވެ. ޑޮކިއުމަންޓްރީގެ ދިގުމިނަކީ 15 މިނެޓެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި ވީޑިއޯތަކުގައި އިނގިރޭސި ސަބްސައިޓަލް ހުންނަންވާނެކަމަށެވެ. އަދި ވީޑިއޯތަކުގައި ބޭނުންކުރަންވާނީ ކުރިން ބޭނުންކޮށްފައި ނުވާ އައު ވީޑިއޯކަމަށެވެ. މި ވީޑިއޯތައް އަމާޒުކޮށްފައިވަނީ އުމުރުން 14 އަހަރާއި 19 އަހަރާއި ދެމެދުގެ ކުދިންނަށެވެ. އަދި ވީޑިއޯތަކުގައި ޕޮޒިޓިވް މެސެޖެއް ދޭންވާނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރެވެ. އެހެންކަމުން މިއަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކޮށް ގިނަ ކަންތައްތަކެއް ކުރިއަށްގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.