ދުނިޔޭގެ ވިޔަފާރި

މިދިޔަ އަހަރު އެންމެބޮޑު ޢާމްދަނީއެއް ހޯދި ޔޫޓިއުބުގެ ތަރިއަކީ މިސްޓަރ ބީސްޓް


ޔޫ-ޓިއުބުގައި އަމިއްލައަަށް އުފައްދާ ވީޑިއޯ ހިއްސާކޮށްގެން މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދައިފައިވަނީ "މިސްޓަރ ބީސްޓް"ކަމަށް ފޯބްސްއިން ހާމަކޮށްފިއެވެ.

މިސްޓަރ ބީސްޓް ޔޫ- ޓިއުބު ޗެނަލަކީ، 23 އަހަރުގެ ޖިމީ ޑޮނަލްޑުސަން ހިންގާ ޗެނަލެކެވެ. އޭނާ މަޝްހޫރުކަން ހޯދާފައިވަނީ މިސްޓަރ ބީސްޓްގެ ނަމުގައެވެ. އާއްމުން ޝައުގުވެރިވާ ތަފާތު އެކި ކަހަލަ ވީޑިއޯ އޭނާގެ ޗެނަލްގައި ހިއްސާކުރާއިރު، މިދިޔަ އަހަރުތެރޭ އޭނާގެ ވީޑިއޯތައް ވަނީ 10 ބިލިއަން މީހުންވަނީ ބަލާފައެވެ. މިއާއެކު އޭނާއަށް 54 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.

ފޯބްސް އިން މި އަހަރު ނެރުނު އެންމެ ގިނަ ޢާމްދަނީ ލިބޭ ޔޫޓިއުބު ސެލެބްރިޓީންގެ ލިސްޓުގެ އެންމެ ކުރީގައި ޖިމީ ހިމެނޭއިރު، އޭނާ މި މަޤާމު ހޯދާފައިވަނީ ފާއިތުވީ 2އަހަރު ލިސްޓުގެ އެއްވަނަ ހޯދި ކުޅޭ އެއްޗެހީގެ ރިވިއުތަށް ގެނެސްދޭ 10 އަހަރުގެ ރަޔަން ކާޖީ ފަހަތަށް ޖައްސާލުމަށްފަހުއެވެ.

މިދިޔަ އަހަރު ރަޔަން އަށް ލިބިފައިވަނީ 27 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިއާ އެކު ފޯބްސްގެ ލިސްޓުގައި އޭނާއަށް ލިބިފައިވަނީ 7ވަނައެވެ.

ޕޯބްސްއިން ހާމަކުރާގޮތުގައި މިދިޔަ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ 10 ފަރާތުގެ ޖުމްލަ އާމްދަނީގެ އަދަދު 300 މިލިއަން ޑޮލަރަށް އަރާކަމަށެވެ.

ޕެންޑަމިކްއާއި އެކު މުނިފޫހިފިލުވުމުގެ ދާއިރާތަކަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވިއެވެ. ފިލްމުތަށް އަޅުވާ ތާރީޚުތަށް ފަސްކޮށް، ފިލްމުތަކުގެ ޝޫޓިންތަށްވެސް ހުއްޓުމަކަށް އައެވެ. އަދި ވީޑިއޯ ގޭމްތަށް ނެރޭ ތާރީޚުތަށްވެސް ބަދަލުކުރަން ޖެހުނެވެ.

މި ހާލަތުގައި ގޭގައި ތިބެން ޖެހުމުގެ ސަަބަބުން ޔޫ-ޓިއުބު ބަލާ މީހުންގެ އަދަދުތަށް އިތުރުވެގެންދިޔައެވެ. ދިރާސާތަކުން ދައްކާގޮތުގައި 2021ވަނަ އަހަރު 2.3 ބިލިއަން މީހުން ޔޫޓިއުބު ބޭނުންކޮށްފައިވެއެވެ.