ވިޔަފާރި

އެއަރޕޯޓް ރެޕުންނަށް ފަސޭހައިން ކޯވިޑް ބޫސްޓަރ ޑޯޒްޖެހޭނެ އިންތިޒާމް ހަމަޖައްސައިފި


އެއަރޕޯޓްގައި މަސައްކަތްކުރާ ޓޫރިސްޓް ރެޕުންނަށް ކޯވިޑް ބޫސްޓަރ ޑޯޒް ޖެހޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިފިއެވެ.

ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ބޫސްޓަރ ޑޯޒް ޖަހަން ފަށާފައިވަނީ މިއަދުއެވެ. ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ރިސޯޓްތަކުގައި މަސައްކަތްކުރާ އެއަރޕޯޓް ރެޕުންނަށް ކޯވިޑްގެ ބޫސްޓަރ ޑޯޒް ޖެހޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. އެއަރޕޯޓް ރެޕުންނަކީ ފަތުރުވެރިންނާ ވަރަށްގާތުން މަސައްކަތްކުރާ ކޯވިޑަށް ހުށައެޅުމުގެ ފުރުސަތު ގާތްބައެކެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީއާއި އެމްއޭސީއެލް ގުޅިގެން އެއަރޕޯޓް ރެޕުންނަށް ބޫސްޓަރ ޑޯޒް ޖެހުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. ކޮންމެ ދުވަހަކުވެސް ވެކްސިން ޖަހާދޭނީ އެދުވަހަށް ކަނޑައަޅާފައިވާ އެއަރޕޯޓް ރެޕުންނަށެވެ. އެގޮތުން ހެނދުނު 9އިން 11އަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ރެކްރިއޭޝަނަލް ސެންޓަރުން ވެކްސިން ޖެހޭނެއެވެ. ވެކްސިން ޖަހަން އަންނައިރު އެއަރޕޯޓް ރެޕެއްކަން އަންގައިދޭ ކާޑާއި، އައިޑީ ކާޑާއި، ވެކްސިން ކާޑު ގެންނަންޖެހޭނެއެވެ.

އެއަރޕޯޓް ރެޕުންގެ އިތުރުން އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ފަސޭހައިން ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

‏ކޯވިޑް-19ގެ ވެކްސިނެއްގެ 2 ޑޯޒް ފުރިހަމަކޮށް 6 މަސް ވެފައިވާ 18 އަހަރުން މަތީގެ އެންމެންނަށް ކޯވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހޭނެއެވެ. ބޫސްޓަރ ޑޯޒްގެ ގޮތުގައި ދޭން ނިންމާފައިވަނީ ފައިޒަރ ވެކްސިނެވެ. ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖަހަން ފަށާފައި މިވަނީ، ކޯވިޑް އައު ވޭރިއެންޓް އޮމިކްރޮން ރާއްޖެއިން ފެނި، ކޯވިޑަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާ ދަނޑިވަޅެއްގައެވެ.