ޚަބަރު

ސަޢުދީ ޝޫރާ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް އެހީތަކެއް


ތަފާތު އެކި ކަންކަމުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އެހީތެރިކަން ދެއްވަމުން ގެންދަވާނެކަން ސަޢޫދީ އަރަބިއްޔާގެ ޝޫރާ ކައުންސިލުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ދެއްވައިފިއެވެ.މިކަމުގެ ޔަޤީންދެއްވީ، ސަޢޫދީ ޤާނޫނުހަދާ މަޖިލިސް ކަމަށްވާ ޝޫރާ މަޖިލީހުގެ ރައީސް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް ބިން އާލް-ޝައިޚް، ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ގެއަށް މިއަދު ޒިޔާރަތްކުރައްވައި، މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މި ތާރީޚީ ދަތުރުގެ ސަބަބުން ރައްޔިތުންގެ މަޖިލީހާއި ސަޢޫދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްއާ ދެމެދު ފެށިގެން މިދިޔައީ އެކުވެރިކަމުގެ ހަރުދަނާ ގުޅުމެއްކަމަށް އޭނާ ވިދާޅުވިއެވެ.މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދާ ދެއްކެވި ވާހަކަފުޅުގައި، މި ތާރީޚީ ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެ އާއި ސަޢޫދީ އަރަބިއްޔާއާ ދެ ޤައުމު ދެމެދުގައި އޮތް އުޚުއްވަތްތެރި، އެކުވެރި، ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދެއްކެވި ވާހަކަފުޅުގައި ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއަށް ވެދީފައިވާ އަދި ވެދެމުން އަންނަ ދީލަތި އެހީ ފާހަގަކުރައްވައި، ސަޢޫދީ ރަސްގެފާނަށާއި ސަޢޫދީ އަރަބިއްޔާގެ އުޚުއްވަތްތެރި، އެކުވެރި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން، މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައާއި ސަޢޫދީ ޢަރަބިއްޔާގެ ޝޫރާ ކައުންސިލްގައި ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕް އުފައްދަން ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ. މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސާއި ޕާރލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއި މަޖިލީހުގެ ކޮމިޓީތަކުގެ މުޤަރައްރިރުންނާއި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.