ޚަބަރު

ގްރޭޑް 1 އިން 8ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި ސްކޫލަށް ހާޒިރުވާންޖެހޭނީ 2 ދުވަހު


ރާއްޖޭގައި ކޯވިޑް-19ގެ ހަލުވިކަމާއިއެކު ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ސްކޫލްތައް ހުޅުވާލާއިރު ގްރޭޑް 1 އިން 8ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން 2 ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

ކޯވިޑް ރައްކާތެރިވުމަށް އެޑިއުކޭޝަން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލްގެ ހުރިހާ ހަރަކާތެއްގައި ގައި ދުރުކަން ދެމެހެއްޓުން އަދި ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު 3 ފޫޓް ދުރުމިނެއް ބެހެއްޓުން ހިމެނެއެވެ. އަދި ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ހުންބެލުމާއި ސެނެޓައިޒްކުރުން ނުވަތަ އަތްދޮވުމަށް ވަނީ އަންގާފައެވެ. އެގޮތުން ކޮންމެ ސްކޫލެއްގައި ޤާއިމުކޮށްފައިވާ "އިންފެކްޝަން ކޮންޓްރޯލް މެޝަރސް"ގެ އެންމެހާ ކަންކަން ފުރިހަމައަށް ތަންފީޒުކުރުމަށްވެސް މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ.

ސްކޫލްތަކުގެ ކިޔެވުން ފެށިގެން ކުރިއަށްދާއިރު މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގޭނެއެވެ. އަދި ސްކޫލްތަކުގެ ކިޔަވައިދޭ ދަންފަޅިތައް ވީހާވެސް ކުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެއްވާ އިރުޝާދުތަކަށް އަމަލުކުރުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ޢާންމުކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން އަދި ސްކޫލް މުވައްޒަފުން ރާއްޖެ އަންނަތާ 3 ނުވަތަ 5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމާއި އަދި މި ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވުމަށް ވަނީ އަންގާފައެވެ. އަދި މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު އެހެން ރަށަކަށް ދަތުރުކޮށް، އެރަށުގެ ސްކޫލަކަށް ހާޒިރުވާނަމަ އެފަރާތުންވެސް އެރަށަށް އަންނަތާ 3 ދުވަސް ނުވަތަ 4 ވަނަ ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށާއި ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުވުން ވަނީ މަނާކޮށްފައެވެ.

މިދުވަސްވަރު އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކުވެސް ސްކޫލްގެ ތެރޭގައި ގްރޫޕް ހަދައިގެން ކައިބޮއެ ނުވަތަ އެއްވެސް ކަހަލަ އެއްވުމެއް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ މި ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމަށް ހުރިހާ ސްކޫލްތަކާއި އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ތަންތަނާއި އިދާރާތަކަށް އަންގާފައެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ ކޯވިޑް ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ ސަތޭކަ ހާހަށްވުރެ މައްޗަށް ގޮސްފައެވެ. އަދި ހަމަމިއާއެކު ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓުން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޒިންމާ އަދާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.