ޚަބަރު

ސީ.އެސް.ސީ މުވައްޒަފުން ތަމްރީނު ކުރުމުގެ ސިޔާސަތު


ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީންކުރުމުގެ ސިޔާސަތު ޢާއްމުކުރައްވައި، މި ސިޔާސަތަށް ޢަމަލުކުރައްވަން ފަށްޓަވައިފިއެވެ.

މިއީ ޕްރޮފެޝަނަލް ސިވިލް ސަރވިސްއެއް ބިނާކުރެއްވުމަށްޓަކައި މުވައްޒަފުން ތަމްރީންކުރެއްވުމަށް ހަރުދަނާ އަދި ދެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށް ކަނޑައަޅުއްވާފައިވާ އުޞޫލެކެވެ. މި ސިޔާސަތުގައި ވާގޮތުން ސިވިލް ސަރވިސްގެ ކޮންމެ އިދާރާއަކުންވެސް އެ އިދާރާއަކުން ކުރިއަށް އޮތް އަހަރަށް ބޭނުންވާ ތަމްރީންތައް މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ކަނޑައަޅުއްވަން ޖެހެއެވެ. އެގޮތުން ސިވިލް ސަރވިސް އިދާރާތަކުގެ ވަކިވަކި ސެކްޝަންތަކުގެ މުވައްޒަފުންނަށް އަމާޒުކުރައްވައިގެން ހުނަރުތައް ދަސްކޮށްދެއްވައި، މުތާލިޢާކުރެއްވުމުގެ ގޮތުން އަހަރުގެ ތެރޭގައި ބައްސަވާލައްވައިގެން އިން-ހައުސް ތަމްރީންތައް ހިންގަވަންޖެހެއެވެ.

އަދި އިދާރާގެ ޢާއްމު އުޞޫލްތަކާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި ގުޅިގެން ތާޒާކުރުމުގެ ޕްރޮގްރާމް ހިންގުމާއި، އިދާރާއިން ދޭ ޢާއްމު ޚިދުމަތްތައް މެދު ނުކެނޑި ފޯރުކޮށްދިނުމަށް 3 މަސް ދުވަހަށްވުރެ ދިގު ނުވާގޮތަށް މުވައްޒަފުން އެހެން ސެކްޝަންތަކަށް ބަދަލުކުރައްވައި ތަޖުރިބާ ހޯދުމުގެ ފުރުޞަތުވެސް ހޯދައިދޭންޖެހެއެވެ. މީގެ އިތުރުން ކުރުމުއްދަތުގެ ތަމްރީންތަކުގައި މުވައްޒަފުން ބައިވެރިކުރުމުގެ ޚަރަދު ސިވިލް ސަރވިސްގެ އިދާރާއަކުން ހަމަޖައްސަންވާނެ ކަމަށް ބުނެފައިވެއެވެ.

ކުރު މުއްދަތުގެ ތަމްރީންގެ ގޮތުގައި ބަލަނީ 6 މަހަށްވުރެ ދިގު ނޫން ތަމްރީން ޕްރޮގްރާމްތަކެވެ. ޕާޓްޓައިމްކޮށް ކިޔަވާ މުވައްޒަފުންނަށް އިމްތިޙާން ހެދުމާއި ސްޓަޑީ ބްރޭކަށް އޮފީހުގެ މަސައްކަތުން މުވައްޒަފުން ވީއްލަދެއްވިދާނެ ކަމަށްވެސް މި ސިޔާސަތުގައި ކަނޑައަޅުއްވާފައިވެއެވެ.