އެމެރިކާގެ ރައީސް ޖޯ ބައިޑަނުގެ ޒަޢާމަތުގައި އެ ޤައުމުން ފުރަތަމަ ފަހަރަށް އުތުރު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އެ ނިންމުމަށް ރައްދު ދިނުމުގެ ގޮތުން އުތުރު ކޮރެޔާއިން އިތުރު މިސައިލުތަކެއް ތަޖުރިބާކޮށްފިއެވެ.
އުތުރު ކޮރެޔާއިން އެންމެފަހުން ތަޖުރިބާކޮށްފައިވަނީ ކުރު ރާސްތާގެ ދެ ބެލިސްޓިކް މިސައިލެވެ. އެ މިސައިލްތައް ވެއްޓިފައިވަނީ ޖަޕާނުގެ ކަނޑުގެ ސަރަޙައްދު ކައިރިއަށެވެ. އެ މިސައިލްތައް ޔަޖުރިބާކުރުމުގެ ކުރިން އުތުރު ކޮރެޔާއާ ދެކޮޅަށް ބައިޑަން އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެ ޤައުމުންވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެ ގޮތުން އެމެރިކާއިން ޢަދާވާތްތެރިކަން އިސްކުރާނަމަ އުތުރު ކޮރެޔާއިން ވަރުގަދަ ރައްދެއް ދޭނެކަމަށް އެ ޤައުމުން ބުނެފައިވެއެވެ.
ފާއިތުވި ދެ ހަފުތާގެ ތެރޭގައި އުތުރު ކޮރެޔާއިންވަނީ އިން މިސައިލެއް ތަޖުރިބާކޮށްފައެވެ. އޭގެ ކުރިން އެ ޤައުމުންވަނީ އަޑަށްވުރެ ފަސްގުނަ ބާރުމިނުގައި ދަތުރުކުރައި ހައިޕަސޯނިކް މިސައިލެއް ތަޖުރިބާކޮށްފައެވެ. އދގެ ޤަރާރުތަކާ ޚިލާފަށް އުތުރު ކޮރެޔާއިން ތަކުރާރުކޮށް މިސައިލް ތަޖުރިބާކުރާކަމަށް ބުނެ އެމެރިކާއިންވަނީ އުތުރު ކޮރެޔާގެ 6 ރައްޔިތަކަށާއި ރަޝިޔާގެ ރައްޔިތަކަށާއި ރަޝިޔާގެ ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އޭގެ ތެރެއިން 5 މީހަކާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުންވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިންވަނީ އެދިފައެވެ.
އައު އަހަރާ ދިމާކޮށް ދެއްވި ތަޤްރީރުގައި އުތުރު ކޮރެޔާގެ ޒަޢީމު ކިމު ޖޮން އުންވަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަތިޔާރު އުފެއްދުމަށާއި އެ ޤައުމުގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަކުރުމަށް ޢަމުރުކުރައްވައިފިއެވެ.