ޚަބަރު

ފަޤީރު ޤައުމުތަކަށް ލިބެނީ މުއްދަތު ހަމަވާން ކައިރިވެފައިވާ ވެކްސިން


ފަޤީރު ޤައުމުތަކަށް ގިނައިން ލިބެނީ މުއްދަތު ހަމަވާން ކައިރިވެފައިވާ ކޯވިޑް-19ގެ ވެކްސިންކަމަށް ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ އދގެ އިދާރާކަމަށްވާ ޔުނިސެފުން ބުނެފިއެވެ.

ވިލާތުގެ ޤާނޫނުހަދާ މަޖިލީހަށް ޔުނިސެފުން ދީފައިވާ މަޢުލޫމާތުތަކުގައި ބުނެފައިވަނީ މިދިޔަ މަހު އެކަނިވެސް މުއްދަތު ހަމަވެފައިވާ ވެކްސިންގެ 100 މިލިޔަން ޑޯސް ފަޤީރު ޤައުމުތަކުން ނައްތާލާފައިވާކަމަށެވެ. އަދި ވެކްސިންގެ އެ ޑޯސްތައް ފޯރުކޮށްދީފައިވަނީ ފަޤީރު ޤައުމުތަކަށް ޚާއްޞަކޮށްގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޤާއިމުކޮށްފައިވާ ކޮވެކްސް މަޝްރޫޢުގެ ދަށުންކަމަށްވެސް ޔުނިސެފުން ބުނެފައިވެއެވެ. އެހެންކަމުން ގިނަ ޑޯސްތަކެއް ފަޤީރު ޤައުމުތަކަށް ފޯރުކޮށްދިން ނަމަވެސް ބޮޑެތި އާބާދީތަކަށް ވެކްސިން ދިނުމުގެ މަޤްޞަދު ޙާޞިލްނުވާކަމަށް ޔުނިސެފުން ބުނެއެވެ.

ކޮވެކްސް މަޝްރޫޢުގެ ދަށުން ދުނިޔޭގެ 150 ޤައުމަކަށް ގާތްގަނޑަކަށް 1 ބިލިޔަން ޑޯސްވަނީ ފޯރުކޮށްދީފައެވެ. ނަމަވެސް ގިނަ ޤައުމުތަކަށް މުއްދަތު ހަމަވާން ކައިރިވެފައިވާ ޑޯސްތައް ލިބުމުގެ އިތުރުން ގަނޑުކޮށް ވެކްސިން ބެހެއްޓޭނެ އިންތިޒާމުތަކެއް ގިނަ ޤައުމުތަކުގައި ޤާއިމުކުރެވިފައެއް ނުވެއެވެ. އަދި ވެކްސިންނާމެދު ޢާއްމުންގެ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ވެކްސިން ޖެހުމަށް ބައެއް ޤައުމުތަކުން ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ޔުނިސެފުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޯވިޑް-19ގެ ވެކްސިންގެ 681 މިލިޔަން ޑޯސް ފަޤީރު 90 ޤައުމަކަށް ފޯރުކޮށްދީފައިވެއެވެ. ނަމަވެސް އެފްރިކާގެ ބޮޑެތި އާބާދީތައް އޮންނަ ޤައުމުތައްކަމަށްވާ ނައިޖީރިޔާއާއި ކޮންގޯ ހިމެނޭހެން 30 ޤައުމަކުން ބޭނުންކޮށްފައިވަނީ އެ ޤައުމުތަކަށް ލިބުނު ވެކްސިންގެ ދެބައިކުޅަ އެއްބައެވެ.

2020ވަނަ އަހަރުގެ ތެރޭގައި ކޯވިޑް-19އަށް ވެކްސިންނެއް އުފެއްދުމުން ގިނަ ޑޯސްތައް އެންމެ ފުރަތަމަ ލިބުނީ މުއްސަނދި ޤައުމުތަކަށެވެ. އަދި އެ ޑޯސްތައް ގިނަ ދުވަހަކަށް ބޭނުންނުކޮށް ނުބެހެއްޓެއެވެ. ނަމަވެސް 2021ވަނަ އަހަރުގެ ފަހުކޮޅު ފަޤީރު ޤައުމުތަކަށް ފޯރުކޮށްދިން ޑޯސްތައް ބޭނުންނުކޮށް ގިނަ ދުވަހު ބެހެއްޓޭނެކަމަށް ކޮވެކްސުން ބުނެފައިވެއެވެ.