ޚަބަރު

ކޯވިޑްގެ ހާލަތު ގޯސްވެ، މާފުށީ ޖަލު ކުއްލި ހާލަތަށް!


ކޯވިޑްގެ ހާލަތު ގޯސްވެ، މާފުށީ ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމައިފިއެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުވެ ބަލީގެ ނުރައްކާ ބޮޑުވަމުންދާތީ، ކަމާއިބެހޭ ފަރާތްތަކުން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން މާފުށީ ޖަލުގައި ކޯވިޑް-19 ގެ ޢަލާމަތް ހުރި އޮފިސަރުންނާއި ޤައިދީންގެ ނެގި ސާމްޕަލްތަކުގެ ތެރެއިން 7 އޮފިސަރުން އަދި 14 ޤައިދީން އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ.

މި ޙާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަރެކްޝަނުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މިއަދު ހަވީރު 4:00 އިން ފެށިގެން މާފުށީ ޖަލު ކުއްލި ޙާލަތަށް ގެނައުމަށް ވަނީ ނިންމާފައެވެ. އަދި މާފުށީ ޖަލު ޢާންމު ޙާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޤައިދީންނާއި ބަންދު މީހުންނަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމުގައި ކަރެކްޝަނުން މައުލޫމާތު ދީފައިވެއެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ކުރިއަށް އޮތް 3 ހަފްތާއަކީ މިބަލީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ނުރައްކާ އެންމެ ބޮޑު ވެގެންދާނެ ތިން ހަފްތާގެ ގޮތުގައި ކަމާއިބެހޭ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.