ޚަބަރު

މިސަރުކާރަކީ އިންތިޚާބަށް އެކަނި ފޮޅޭމަލެއް ނޫން، ތަރައްޤީ މަޑުޖައްސާލެވޭކަށް ނެތް: އާޒިމް


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަކީ އިންތިޚާބުތަކަށް އެކަނި، ފޮޅޭ މަލެއް ނޫންކަމަށާއި، ސަރުކާރުގެ ތަރައްޤީގެ މަސައްކަތްތައް އިންތިޚާބެއް އައުމުން މަޑު ޖައްސާލެވެން ނެތްކަމަށް އެމްޓީސީސީގެ ސީއީސޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ތަރައްޤީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ނުހިންގޭހާ ގިނަ މަޝްރޫއު މިސަރުކާރުން ހިންގަމުންދާ ކަމަށެވެ. އަދި މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، އަސާސީ ހައްގުތަކުން ދިވެހި ރައްޔިތުން މަހުރޫމްވެފައިވާއިރު، އެކަން ކަށަވަރު ކޮށްދެއްވުމަށް މިވީ 3 އަހަރު ކުރެވުނު މަސައްކަތުން އެތައް ރަށެއްގެ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން އެކަނިކުރި މަސައްކަތުން އަތޮޅުތެރޭގެ އެތައް ރަށެއްގައި ރައްޔިތުންނަށް ބޭނުންވާ އެތައް މަސައްކަތެއް ކުރެވިފައިވާކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. މިހާރުވެސް 35 ބަނދަރެއްގެ މަސައްކަތް ކުރެވޭއިރު، ޕެންޑަމިކްގެ ތެރޭގައި 25 ބަނދަރު ނިންމައި، އެއާޕޯޓެއްގެ މަސައްކަތް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު 2 އެއާޕޯޓެއްގެ މަސައްކަތް ހިނގަމުންދާއިރު، އެތައް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

"އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ މިސަރުކާރަކީ އިންތިޚާބަށް ފޮޅޭ މަލެއް ނޫންކަން. މިއަދުގެ ސަރުކާރަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ޕްރޮޖެކްޓްސް ހިންގައިދީ ކޮންމެ ދުވަހަކުވެސް ޕްރޮޖެކްޓް ތަކުގައި ސޮއިކުރެވި، ކޮންމެ ދުވަހަކުވެސް، ޕްރޮޖެކްޓްތައް ނިންމަމުން އަރަމުން ރައްޔިތުންނަށް ހަވާލު ކުރަމުންދާ ސަރުކާރެއް. ކޮންމެ ދުވަހަކުވެސް މިސަރުކާރުގެ މާ ފޮޅޭނެ" އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި މިއަދު ކުރެވިގެން މިދާ މަސައްކަތްތަކަކީ މީގެ އެތައް އަހަރެއް ވަންދެން ނުކުރެވި، އަޅާނުލައި ހުރި މަސައްކަތްތަކެއްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހި ކުރުމަށް ސަރުކާރުން މިއަދު މަސައްކަތް ކުރަމުންދަނީ އެމަސައްކަތް ހަވާލު ކުރެވޭ ބަޔަކަށް، ފައިސާއާއި، ވަސީލަތް ދިނުމަށްފަހު ކަމަށާއި، މަސައްކަތެއް ކަނޑައެޅިފައިވާ ތާރީހަށް ނުނިމެއްޖެނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ނޫންކަމަށެވެ.

"މިއަދު މަސައްކަތް ހަވާލުކޮށްފައިވަނީ ވަސީލަތާއި ފައިސާ ދީފައި، މިއަދު މަސައްކަތް ނުވެއްޖެނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭ އެކަން ހަވާލުކޮށްފައިވާ ކުންފުންޏަކުން. އަޅުގަނޑުމެން ސްލޯއޭ ބުނާ މީހުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުން ކުރީގެ ސަރުކާރުން ބަނދަރެއް ހެދުމަށް އެބަ ނަގާ 2 އަހަރު ނޫނީ، 3 އަހަރު. މިހާރު 1 އަހަރުގެ ތެރޭގައި ނިމެނޭ. ކުރީގައި އެއާޕޯޓް ނިމެނީ 3 އަހަރުން. މިހާރު 18 މަސް ދުވަހުން ނިންމޭ. މިސަރުކާރުން އެތައްހާސް އަހަރު ނުކުރެވޭ ފެނާއި ނަރުދަމާގެ މަސައްކަތް އެއޮތީ ކޮންޓްރެކްޓް ކުރެވި މަސައްކަތް ކުރުމަށް ހަވާލު ކުރެވިފަ." އާޒިމް ވިދާޅުވިއެވެ.

މިވީ ތިން އަހަރަކީ ކޯވިޑްގެ ބަލި މަޑުކަމާއިއެކުގައިވެސް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ކުޑަވެސް މަޑުޖެހުމެއް އައި ތިން އަހަރު ނޫންކަމަށާއި، ކުރިއަށް އޮތް ދުވަސްތަކަކީ މިމަސައްކަތް އިތުރަށް ހަރުދަނާކުރެވި ނަތީޖާ ނެރެވިގެންދާނެ ދުވަސްތަކެއްކަމަށް އާޒިމް ވިދާޅުވިއެވެ.