ކުޅިވަރު

މާޒިޔާ ބަލިކޮށް ގްރީން ފައިނަލާއި ގާތަށް


ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސް މުބާރާތުގެ ފައިނަލަށް ދިއުމުގެ އުއްމީދު ދަމަހައްޓައިފިއެވެ. އެންމެ ފަހުގެ ލީގު ޗެންޕިއަން މާޒިޔާ އާއި ކުލަބް ގްރީން ސްޓްރީޓްސް ވާދަކުރި މެޗް ގްރީން ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ. މިމެޗުން މޮޅުވެގެން މާޒިޔާއަށް ފައިނަލަށް ދެވެން އޮތްއިރު، މިމެޗުން ބަލިވުމާއި ގުޅިގެން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދިއުމަށް މާޒިޔާއަށް ލީގު ބުރުގެ ފަހު މެޗްގައި ކުލަބް ވެލެންސިޔާ މެޗް ކާމިޔާބުކުރަން ވަނީ މަޖްބޫރުވެފައެވެ. މިމެޗުން މޮޅުވުމުން ގްރީންއަށް ވަނީ މާޒިޔާއާއި އެއްވަރަށް 15 ޕޮއިންޓް ލިބި، ޕްރެޒިޑެންޓްސް ކަޕް ލީގު ބުރުގެ އެއްވަނަ ލިބިފަ. ގްރީން، މާޒިޔާ އަދި ވެލެންސިޔާއަށް ވެސް 15 ޕޮއިންޓް ލިބިފައިވާއިރު، ގްރީން އަށް ތާވަލްގެ އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މިމުބާރާތުގައި ގްރީން ލީގް ބުރުގައި އެޓީމް ކުޅޭ ފަހު މެޗްގައި ނިކުންނާނީ އީގަލްސްއާއި ދެކޮޅަށެވެ. މިމެޗުން މޮޅުވެގެން ގްރީންއަށް ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ޖާގައެއް ޔަގީން ކުރެވޭނެއެވެ. މާޒިޔާއިން ލީގް ބުރުގެ ފަހު މެޗްގައި ނިކުންނާނީ ވެލެންސިޔާއާއި ދެކޮޅަށެވެ.

ދެ ޓީމްއަށްވެސް ޕްރެޝަރު މެޗަކަށް ވުމުން، ދެ ޓީމުންވެސް ކުޅެފައިވަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. ނަމަވެސް މެޗްގައި ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެމުން ގޮސްފައި ވަނީ މާޒިޔާއިންނެވެ. ފުރަތަމަ ހާފްގެ ކުރީކޮޅުގައި މާޒިޔާއިން ރަގަނޅު ދެ ހަމަލާއެއް އުފެއްދިއެވެ. އެޓީމުގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި ހަމްޒާ މުޙައްމަދު (ހަމްޕު) ފޮނުވާލީ ދެ ބޯޅަވެސް ގްރީންގެ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފައެވެ. މެޗްގައި މާޒިޔާއިން ކުރިއަށް ޖެހިގެން ކުޅެމުންދަނިކޮށް މެޗްގެ 24ވަނަ މިނެޓްގައި ގްރީންގެ ސްޕެއިން މިޑްފީލްޑަރު އެންހެލް ކަރަސްކޯސާ މުނޯޒަށް ލީޑް ނެގުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މުނޯޒް ފޮނުވާލި ބޯޅަ އަމާޒްވީ ގޯލުގެ ދަނޑިއަށެވެ. އަދި އޭގެ ފަހުން ގްރީންގެ އަންސަރު އިންރާހިމަށް ވެސް ގޯލް ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. މެޗްގައި ގްރީންއިން ލީޑް ނެގީ މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. މިލަނޑު ގްރީންއަށް ކާމިޔާބުކޮށްދިނީ ހަސަން ނާޒިމް ގާސިމްއެވެ. ގްރީންއިން ލީޑް ނެގިފަހުންވެސް އެޓީމަށް މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލެއް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ގްރީންގެ ކެޕްޓަން ރިޟްވާން ވަހީދު ފޮނުވާލި ހިލޭ ޖެހުންވަނީ މާޒިޔާގެ ކީޕަރު ކިރަން ދިފާޢުކޮށްފައެވެ.

މެޗްގެ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުގައި ގްރީންއިން ވަނީ ދެވަނަ ލަނޑެއްޖަހައި، ލީޑް އިތުރަށް ފުޅާކޮށްފައެވެ. ދެވަނަ ހާފްގެ ކުޅެން ފެށިޔާ 5 މިނެޓްގެ ތެރޭގައި މިލަނޑު ގްރީންއަށް ކާމިޔާބުކޮށްދިނީ އަލީ ޝާމިޢުއެވެ. ޝާމިޢު ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަދެފައިވަނީ މަޒިޔާގެ ކީޕަރު ކިރަންގެ އަތުގައި ޖެހިފައެވެ.

ގްރީންއިން ދެ ލަނޑު ޖެހުމާއެކު މެޗުން މޮޅުވުމަށް މާޒިޔާއިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެމުންދިޔައެވެ. އަދި ގްރީންއިންވަނީ ފަހަތަށް ޖެހިލައިގެން، ވަރަށް ބޮޑަށް ޑިފެންސްކޮށްފައެވެ. ގްރީންއިން ފަހަތަށް ޖެހިގެން ކުޅެމުންދިޔަ ނަމަވެސް، އެޓީމުން ވަނީ ލިބޭ ފުރުސަތުތަކުގައި މާޒިޔާގެ ގޯލަށް ނުރައްކާކޮށްފައެވެ. މާޒިޔާއިން އެޓޭކް ވަރުގަދަ ކުރުމުގެ ގޮތުން އެޓީމުން ވަނީ މޫސާ ޔާމިންގެ ބަދަލުގައި ނާއިޒު ހަސަން (ދާދު)ވަނީ ކުޅެން އަރުވާފައެވެ. ކައުންޓަ އެޓޭކުގައި މެޗުގެ 63 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އަލީ ޝާމިސް ހުސްކޮށްލާފައި އަންސަރުއަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު ކިރަން ވަނީ އެބޯޅަ މަތަކޮށްފައެވެ.

މެޗްގެ ފަހުކޮޅުގައި މާޒިޔާއިން ފުލުފުލުގައި ދިޔައީ ގްރީންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މާޒިޔާގެ އިބްރާހިމް އައިސަމް އަދި ކެޕްޓަން އަސަދުﷲ އަބްދުﷲއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.