ޚަބަރު

އުތުރު ކޮރެޔާއާ ދެކޮޅަށް ފުރަތަމަ ފަހަރަށް ބައިޑަން ފިޔަވަޅު އަޅުއްވައިފި


އެމެރިކާގެ ރައީސް ޖޯ ބައިޑަނުގެ ޒަޢާމަތުގައި އެ ޤައުމުން ފުރަތަމަ ފަހަރަށް އުތުރު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އުތުރު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ސަރުކާރުން ނިންމީ ހަފުތާއެއްގެ ތެރޭގައި ދެވަނަ ފަހަރަށް އަޑަށްވުރެ ފަސްގުނަ ބާރުމިނުގައި ދަތުރުކުރައި ހައިޕަސޯނިކް މިސައިލެއް އުތުރު ކޮރެޔާގެ އަސްކަރިއްޔާއިން ތަޖުރިބާކުރުމުންނެވެ. އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ އުތުރު ކޮރެޔާގެ 6 ރައްޔިތަކަށާއި ރަޝިޔާގެ ރައްޔިތަކަށާއި ރަޝިޔާގެ ކުންފުންޏަކާ ދެކޮޅަށެވެ. އެ މީހުންނަށް ތުޙްމަތުކުރެވެނީ މިސައިލް އުފެއްދުމަށް ބޭނުންވާ ސާމާނު ޗައިނާއާއި ރަޝިޔާއިން އުތުރު ކޮރެޔާއަށް އެތެރެކުރުމެވެ. އޭގެ ތެރެއިން 5 މީހަކާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުންވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިންވަނީ އެދިފައެވެ.

އެމެރިކާގެ ވެރިކަމަށް ބައިޑަން ވަޑައިގެންނެވުމަށް ފަހު އުތުރު ކޮރެޔާއާ މަޝްވަރާކުރެއްވުމަށް ކުރެއްވި ހުރިހާ މަސައްކަތްޕުޅެއްވަނީ ނާކާމިޔާބުވެފައެވެ. އުތުރު ކޮރެޔާއިން ބުނެފައިވަނީ އެ ޤައުމުގެ ނިޔުކްލިޔަރ މަޝްރޫޢުއާއި މިސައިލް އުފެއްދުމުގެ މަސައްކަތް ހުއްޓާލުމަށް އިތުރަށް މަޝްވަރާކުރެވޭނީ އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހުއްޓާލައި އެމެރިކާއާއި ދެކުނު ކޮރެޔާއިން އެ ސަރަޙައްދުގައި އަސްކަރީ ތަމުރީންތައް ކުރިޔަށްގެންދިޔުން ހުއްޓާލުމުންކަމަށެވެ.

އދގެ ޤަރާރުތަކާ ޚިލާފަށް އުތުރު ކޮރެޔާއިންވަނީ މިދިޔަ ސެޕުޓެންބަރު މަހުގެ ފަހުން 6 މިސައިލެއް ތަޖުރިބާކޮށްފައެވެ. އަދި އައު އަހަރާ ދިމާކޮށް ދެއްވި ތަޤްރީރުގައި އުތުރު ކޮރެޔާގެ ޒަޢީމު ކިމު ޖޮން އުންވަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަތިޔާރު އުފެއްދުމަށާއި އެ ޤައުމުގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަކުރުމަށް ޢަމުރުކުރައްވައިފިއެވެ.