ޚަބަރު

ބައްޔާ ދެކޮޅަށް އިންޑިޔާއިން ޢަމަލުކުރަމުންދާ އުޞޫލުތަކަށް ބޮޑު ބަދަލެއް


ކޯވިޑް-19އާ ދެކޮޅަށް އިންޑިޔާއިން ޢަމަލުކުރަމުންދާ އުޞޫލުތަކަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބަދަލު ގެނެސްފައިވަނީ ކޯވިޑް-19އަށް ތަޙްލީލުކުރުމާއި އެކަހެރިކުރުމާއި ހަސްފަތާލުގައި އެންދުމަތިކުރުމުގެ އުޞޫލުތަކަށެވެ. އިންޑިޔާއިން އެ ބަދަލުތައް ގެންނަން ނިންމީ ބަލިޖެހިގެން ޙާލު ދެރަވާ މީހުންނަށާއި ޞިއްޙީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް އެ ޤައުމުގެ ޞިއްޙީ ވަޞީލަތްތައް ފޯރުކޮށްދިނުމަށްކަމަށް އެ ވުޒާރާއިން ބުނެއެވެ. އެ ބަދަލުތަކުގެ ސަބަބުން ހަމަހަމަކަމާއެކު އެ ޤައުމުގައި ދިރިއުޅޭ 1.4 ބިލިޔަން މީހުންނަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ކޯވިޑް-19އާ ދެކޮޅަށް ޢަމަލުކުރަމުންދާ އުޞޫލުތަކަށް އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ގެނެސްފައިވާ ބަދަލުތަކުގެ ދަށުން ބަލިޖެހިފައިވާ މީހުންނާ ދިމާވެފައިވާ މީހުންނަށް ބަލިޖެހިފައިވޭތޯ ބެލުމަށް ތަޙްލީލުކުރުން ހުއްޓާލުން ހިމެނެއެވެ. އޭގެ ބަދަލުގައި އިންޑިޔާގައި ދެން ބައްޔަށް ތަޙްލީލުކުރާނީ ބަލިޖެހިފައިވާ މީހުންނާއި ބަލީގެ ޢަލާމަތްތައް ހުރި މީހުންނާއި ބަލިޖެހިފައިވާ މީހުންނާ ދިމާވެފައިވާ މުސްކުޅިންނާއި ދިގު މުއްދަތަކަށް ބޭސްކުރާ މީހުންނެވެ. ދުވާލަކު ގާތްގަނޑަކަށް 2 މިލިޔަން މީހުން ބައްޔަށް ތަޙްލީލުކުރުމުގެ ޤާބިލްކަން އިންޑިޔާއަށްވަނީ ލިބިފައެވެ.

އޭގެ އިތުރުން ބަލީގެ ސަބަބުން އެކަހެރިވާން ޖެހޭ މުއްދަތުވަނީ 14 ދުވަހުން 7 ދުވަހަށް ކުރުކޮށްފައެވެ. އަދި ހަސްފަތާލުގައި ފަރުވާދޭން އެންދުމަތިކުރާނީ ބަލި ޙާލަތު ވަރަށް ގޯސްވެއްޖެ ޙާލަތެއްގައިކަމަށްވެސް އެ ވުޒާރާއިންވަނީ ކަނޑައަޅައިފައެވެ.

ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯންވަނީ އިންޑިޔާގެ އެކި ސަރަހައްދުތަކުގައި ހަލުވިކަމާއެކު ފެތުރެން ފަށައިފައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 247,417 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ މިދިޔަ މޭއި މަހަށް ފަހު އެ ޢަދަދުތައް އެ މިންވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ. އަދި އެއީ މިދިޔަ ޑިސެންބަރު މަހަށްވުރެ 33 ގުނަ އިތުރު ޢަދަދެކެވެ.

އިންޑިޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދުވަނީ 36 މިލިޔަނަށްވުރެ އިތުރުވެފައެވެ. އަދި ބަލިމަޑުކަމުގައި 247,417 މީހުންވަނީ މަރުވެފައެވެ. ނަމަވެސް ބަލިޖެހިގެން އިންޑިޔާގައި މަރުވި މީހުންގެ އަސްލު ޢަދަދު ދެގުނަ އިތުރުވާނެކަމަށް ޞިއްޙީ ތަޖުރިބާކާރުންވަނީ ލަފާކޮށްފައެވެ.