ޚަބަރު

ސްޕޯޓިންގް ވަކަންޒޭއާ ގުޅިގެން އިޓަލީ މާކެޓުގައި ރާއްޖޭ އިސްތިހާރު ކުރަނީ


އިޓަލީގެ ސްޕޯޓިންގް ވަކަންޒޭ ކުންފުންޏާ ގުޅިގެން މިޖެނުއަރީ މަހު އިޓަލީގެ މާކެޓުގައި ރާއްޖޭ އިސްތިހާރު ކުރުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރްސީއާ ސްޕޯޓިންގް ވަކަންޒޭ ގުޅިގެން ކުރިއަށްގެންދާ މި ކެމްޕެއިން ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ސްޕޯޓިންގް ވަކެންޒޭ އަކީ އިޓަލީގެ ޓުއަރ އޮޕަރޭޓާސް އެސޯސިއޭޝަންގެ މެންބަރެކެވެ. އަދި ފާއިތުވެދިޔަ 20 އަހަރު އިޓަލީ މާކެޓުގައި ރާއްޖެ އިސްތިހާރު ކުރުމުގެ މުހިންމު ރޯލެއް އެކުންފުނިން އަދާކޮށްފައިވެއެވެ.

އެކުންފުންޏާއެކު ކުރިއަށްގެންދާ މިކެމްޕެއިންގެ ތެރެއިން ވެބް މާކެޓިންގް ސޯޝަލް މީޑިއާ އެޑްވަޓައިޒިން، އަދި ބައެއް މަޝްހޫރު މެގަޒިންތަކާއި ވެބްސައިޓު ތަކުގައި ރާއްޖޭގެ އިސްތިހާރުތައް ޖަހާނެއެވެ. މީގެ ތެރޭގައި ކޮރިއަރޑެލޯ ސްޕޯޓްސް އަދި ޓުއްޓޯސްޕޯޓްސް ފަދަ ސައިޓުތައް ހިމެނެއެވެ.

އެމްއެމްޕީޢާރްސީން ދެކޭ ގޮތުގައި، މިފަދަ ކެމްޕެއިންގެ ސަބުބުން ރާއްޖެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި މިހާރު އޮތް އޮތުން ދެމެހެއްޓި، ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ބާވައްތަކުގެ ޕްރޮޑަކްޓުތައް މިމާކެޓުގައި ވަރަށް ބޮޑަށް އިސްތިހާރު ކުރެވިގެންދާނެއެވެ.

އެގޮތުން މޫދު ކުޅިވަރާއި، ހަނީމޫން ޕެކޭޖުތައް އިސްތިހާރު ކުރެވޭނެއެވެ. ރާއްޖޭގެ މައިގަނޑު 4 ބާވަތެއްގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތައް އިސްތިހާރު ކުރަމުންދެއެވެ. އެއީ ރިސޯޓު، ގެސްޓު ހައުސް، ހޮޓަލް، ލިވަބޯޑެވެ.

އިޓަލީއަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ މާކެޓުތަކުގެ ތެރޭގައި ހިމެނޭ މާކެޓެކެވެ. އެގޮތުން ކޯވިޑުގެ ކުރީން 2019ވަނަ އަހަރުވެސް އެ ޤައުމުން 136،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިއަހަރު ފުރަތަމަ ފަސް ދުވަހު 3000އަށްވުރެ ގިނަ ފަތުރުވެރިން އިޓަލީ މާކެޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.