ވިޔަފާރި

ޕޮލެންޑް މާކެޓުގައި ރާއްޖެ އިސްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކެންޕެއިނެއް


ޕޮލެންޑް މާކެޓުގައި ރާއްޖެ އިސްތިހާރުކުރުމަށް އިޓާކާ އާއެކު އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ. އެއް މަހަށް ކުރިއަށްގެންދާ މިކެމްޕެއިން ފަށާފައިވަނީ މިމަހުއެވެ.

އެމްއެމްޕީއާރުސީން އިޓާކާއާއެކު ކުރިއަށްގެންދާ ކެމްޕެއިންގެ ސަބަބުން ރާއްޖެ މިމާކެޓުގައި އިތުރަށް އިސްތިހާރު ވާނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ. މި ކެމްޕެއިންގެ ދަށުން ޑިޖިޓަލް އަދި އައުޓްޑޯ މާކެޓިންގެ ޙަރަކާތްތައް ހިންގާނެއެވެ. މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް މިކެމްޕެއިންގެ ޒަރިއްޔާއިން އިސްތިހާރުކުރެވޭނެއެވެ. އަދި ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިސްތިހާރުކުރާނެއެވެ.

30 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިޓާކާ އަކީ ޕޮލެންޑުގެ އެންމެ މަޤުބޫލު އެއް ޓުއަރ އޮޕަރޭޓަރެވެ. އިޓާކާއިން ދުނިޔޭގެ 100 މަންޒިލަކަށް ހާއްސަ ޓުއަރ ޕެކޭޖްތައް ޕޯލިޝް މާކެޓުގެ ކަސްޓަމަރުންނަށް ވިއްކައެވެ. 2018ވަނަ އަހަރު އެކަނިވެސް އިޓާކާ އިން ވަނީ 915000 ކްލައިންޓުންނާއި މުއާމަލާތްކޮށްފައެވެ. ޕޯލިޝް މާކެޓުގެ %30 ހިއްސާކުރާ އިޓާކާ އަކީ އެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ޓުއަރ އޮޕަރޭޓަރެކެވެ.

މި ކެންޕެއިންގެ މަޤްސަދަކީ ޕޯލިޝް މާކެޓުން ރާއްޖެ އަންނަ މީހުން އިތުރުކޮށް ޕީކް ސީޒަންގައި ޗާޓަރ އޮޕަރޭޝަންތައް އިތުރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިދިޔަ އަހަރު ޕޮލެންޑުން ރާއްޖެއަށް 23،597 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.