ޚަބަރު

ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ މިއަދުގެ އަޑުއެހުން ކެންސަލް


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކަށް އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ ޝަރީއަތް ކެންސަލް ވެއްޖެއެވެ.

މިއަދު 9 ޖަހާއިރު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފައިވާ ސަބަބެއް ހާމަކޮށްފައިނުވެއެވެ. ނިހާނުގެ މައްޗަށް ކުރާ ދަޢުވާ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރެއްވި އަޙްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން ވަނީ 6 ދައުވާއެއް އުފުލާފައެވެ. ނިހާންގެ މައްޗަށް އުފުލާފައިވާނީ ރިޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއަކާއި ރިޝްވަތު ލިބި ގަތުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއަކާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާއެކެވެ.

ނިހާނަށް ދަޢުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގައެވެ.

ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށް ޝަރީއަތުގައި އެދިފައެވެ. އޭގެ ތެރޭގައި ނިހާންގެ ޕްލެޓިނަމް ރެސިޑެންޓާއި ފްލެޓާއި ރޮލެކްސް (ސަބްރީނާ) ބްރޭންޑްގެ ގަޑިއެއް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާ ތަމްސީލް ކުރެއްވި ނިހާންގެ މައްޗަށްވެސް ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމުގެ ތުހުމަތު ކުރެވޭއިރު، އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. ނިހާންގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ.

ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބާ ވަރަށް އަރިސްކޮށް އުޅުއްވި ނިހާނަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއި ހަމައަށްވެސް ޕީޕީއެމްގެ މެމްބަރެކެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ޙައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުވެސް މެއެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވުމާއެކު އޭނާވަނީ މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.