ޚަބަރު

"ރެހެންދި" އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ޤައުމީ ޚިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދޭ އެވޯޑްގެ "ރެހެންދި އެވޯޑް 2022"އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ރެހެންދި އެވޯޑަކީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން 2013ވަނަ އަހަރު ދޭންފެށި އެވޯޑެކެވެ.

ރެހެންދި އެވޯޑް ޚާއްސަ ކުރަނީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކަށެވެ.

މިއެވޯޑް ވަކިވަކި ފަރުދުންނާއި މުއައްސަސާއާއި ޖަމްޢިއްޔާތަކަށްވެސް ދަނީ ދެމުންނެވެ. ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު އެވޯޑަށް ނަން ހުށައެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަމަހުގެ 10ވަނަ ދުވަހެވެ.

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތު އަދި އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތަފުސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ވަނީ ހިމަނާފައެވެ.

އެޕްލިކޭޝަންތައް އޮންލައިންކޮށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެޕްލިކޭޝަން ބަލައިގަންނާނީ ހެނދުނު 9:00އިން މެންދުރުފަހު 2:00އަށެވެ.