ޚަބަރު

މިއަހަރުގެ ސަޓާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

ސަޓާ އެވޯޑް އިންތިޒާމް ކުރަނީ ހައިރައިޒްގެ ފަރާތުންނެވެ. ހައިރައިޒުން ބުނީ މިއަހަރުގެ ސަޓާ އެވޯޑަށް 52 ކެޓަގަރީއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މިއަހަރުގެ ސަޓާ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެވޯޑަށް ނަން ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޭޕްރިލް މަހުގެ 10ވަނަ ދުވަހެވެ. އެވޯޑްއަށް އޮންލައިންކޮށް ސަޓާ އެވޯޑް ވެބްސައިޓް (www.southasiantravelawards.com) މެދުވެރިކޮށް ހުށައެޅޭނެއެވެ. މިއީ ސަޓާ އެވޯޑް ބާއްވާ 6ވަނަ އަހަރެވެ.

2021ވަނަ އަހަރު ބާއްވަން ހަމަޖެއްސި ސަޓާ އެވޯޑް ހަފްލާ ކޯވިޑާއި ގުޅިގެން ވަނީ ކެންސަލް ކޮށްފައެވެ. އެހެންކަމުން މިދިޔަ އަހަރުގެ އެވޯޑަށް ކުރިމަތިލީ ފަރާތްތައް ވަނީ މިއަހަރުގެ އެވޯޑަށް ނޮމިނޭޓްކޮށްފައެވެ.

2020ވަނަ އަހަރުގެ ސަޓާ އެވޯޑް ބާއްވާފައިވަނީ އޮންލައިންކޮށެވެ. 2019ވަނަ އަހަރު އެވޯޑް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގައެވެ. 2018ވަނަ އަހަރު އިންޑިއާގައި ބާއްވާފައިވާއިރު، 2017ވަނަ އަހަރު ރާއްޖޭގައި އަދި 2016ވަނަ އަހަރު އެވޯޑް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގައެވެ. މިއަހަރުގެ ސަޓާ އެވޯޑް ރާއްޖެއާއި އަދި ރާއްޖޭގެ ބޭރުގެ 15 ތަނަކުން ވަނީ އެންޑޯޒްކޮށްފައެވެ.