ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕްރީސްކޫލެއް ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ


ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕްރީސްކޫލެއް ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާނުކޮށްފިއެވެ.

ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލްއެއް ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފައިވާއިރު ޕްރީސްކޫލް ހަދަން ބިޑަށް ކުރިމަތިލެވޭނީ %100 ދިވެހި ކުންފުނިތަކަށް އެކަންޏެވެ. މި ބިޑަށް ކުރިމަތިލާ ފަރާތަކީ އެޗްޑީސީގެ މުވައްޒަފަކާއި ނުވަތަ އެކުންފުނީގެ ބޯޑު މެމްބަރަކާ ނުވަތަ އެ ކުންފުނީގެ ވިޔަފާރި ޕާޓްނަރަކާއި އެއްވެސް ވަރެއްގެ މަސްލަހަތެއް އޮންނަ ފަރާތަކަށް ވެގެން ނުވާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި 680،000 ރުފިޔާ ހުށައަޅަންޖެހޭއިރު ބިޑް ހުށައެޅުމުގެ އެންމެ ފަހު ދުވަހަކީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މި މަޝްރޫޢުއަށް 27 މިލިއަން ރުފިޔާ ރުފިޔާ ޚަރަދުވާނެކަމަށް އެޗްޑީސީން ލަފާކުރެއެވެ. އަދި މި އިމާރާތުގެ މަސައްކަތް ދޮޅު އަހަރުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މި ޕްރީ ސްކޫލްގެ ޑިޒައިންގެ މަސައްކަތްތައް ނިންމާލާފައިވާއިރު ޕްރީ ސްކޫލް ހަދަން ހަމަޖެހިފައިވަނީ 22019 އަކަފޫޓުގެ ބިމެއްގައެވެ.

ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފެލްޓުތަކަށް މީހުން ބަދަލުވާން ފެށުމާ އެކު ސަރުކާރުން މިހާރު ވެސް ވަނީ އެ ސަރަހައްދުގައި ދެ ސްކޫލެއް ހަދަން ބަޔަކާ ހަވާލުކޮށްފައެވެ. މީގެ ިއތުރަށް މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ ފުރަތަމަ ޕްރީސްކޫލް ހުޅުމާލޭގައި އަންނަނީ ހިންގަމުންނެވެ.