ޚަބަރު

އުލިގަމު ކަރަންޓުގެ މައްސަލަ، ޒަމާންވީ ބޮޑު މައްސަލައެއް!


ރާއްޖޭގެ އެންމެ އުތުރުން ދެވަނައަށް އޮތް ހއ.އުލިގަމަކީ ކޮންމެ ދުވަހަކުވެސް އެތައް ފަތުރުވެރިންނަކާއި މީހުން އެރަށަށް އަރާ ފައިބާ ރަށެކެވެ. އެރަށަކީ ޒަމާނުއްސުރެ ޔޮޓު ފަހަރު ބަނދަރު ކުރާ ރަށަކަށް ވުމާއެކު ކޮންމެ ދުވަހަކުވެސް ސަރުކާރުގެ އެކި މުއައްސަސާތަކުންނާއި ރަށުގެ ވިޔަފާރިތަކުން ފަތުރުވެރިން ޚިދުމަތް ހޯދަމުންދެއެވެ. ސަރުކާރުގެ ބައެއް މުއައްސަސާތައްކަމަށްވާ އިމިގްރޭޝަނާއި ކަސްޓަމްސްއާއި ޕޯޓް ސާރވިސްއާއި އެނޫންވެސް ސަރުކާރުގެ މުހިންމު ބައެއް މުއައްސަސާތައް އެރަށުގައި ޤާއިމްކޮށް ޚިދުމަތް ދެމުންދެއެވެ.

އުލިގަމަކީ އިޖްތިމާޢީ ގިނަ ބޮޑެތި ހަރަކާތްތައްވެސް ހިންގާ ރަށެކެވެ. ކޮންމެ އަހަރަކު އޮންނަ ބޮޑު ބާބަކިއުއަށްވެސް އެތައް ބަޔަކު އެރަށަށް ޒިޔާރަތްކުރެއެވެ. މި ހުރިހާ ކަމަކާއެކުވެސް އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކަރަންޓުގެ މައްސަލައެެވެ. ޒަމާނުއްސުރެ ކަރަންޓްގެ ޚިދުމަތް އެރަށުގައި ދެމުން އަންނަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ކުޑަކުޑަ ބައު އިންޖީނުގެއަކުންނެވެ.

މީހުން ދިރިއުޅޭ ސަރަހައްދާއި ކައިރީގައި ހުރި އިންޖީނުގެ ގޭގެ ޖަނެރޭޓަރުތަކުގެ ބާރު އަޑުފައްގަނޑުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހަމަ ނިދި ނުލިބޭތާ އެތައް ޒަމާނެއް ފާއިތުވެއްޖެއެވެ. އެ ސަރަހައްދުގެ ގެތަކަށް ތެލާއި ދުމުގެ އަސަރުވެސް ވަރަށް ބޮޑަށް ކުރެއެވެ. އެސަރަހައްދުގެ ރައްޔިތުންނަށް ސާފު ވާރޭ ފެންފޮދެއްވެސް ނުނެގެއެވެ. ފެންވަރާ ފެންވެސް ހުންނަނީ ތަޣައްޔަރުވެފައެވެ. ހިއްކަން އަޅާ އަންނައުނުގައި ދެލިކުލަ ހިފައި، ގަހުގައި އަޅާ މޭވާއެއްވެސް ކާން ނުލިބެއެވެ. އެތަކެއްޗަށްވެސް ހުންނަނީ ތެލާއި ދުމުގެ އަސަރުކޮށްފައެވެ.

އެރަށުގައި މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގެއަކީ އެރަށު ރައްޔިތުންގެ ބުރަ މަސައްކަތުން ޤާއިމްކޮށްފައިވާ އިންޖީނުގެއެވެ. ނަމަވެސް އެއީ އެޒަމާނަށް އެންމެ އެކަށީގެންވާ އިންޖީނުގެއެއް ނަމަވެސް މިހާރު ކަރަންޓަށް އޮތް ޑިމާންޑު އިތުރުވެ، އިތުރު ޖަނެރޭޓަރު ސެޓްތައް ވައްދަން ޖެހުމުން ޖާގައިގެ ގޮތުންވެސް ވަނީ ބޮޑު ދައްޗަކަށް ވެފައެވެ. އެގޮތުން އިންޖީނުގެއަށް ޖަނެރޭޓަރު ވައްދާފައިވަނީވެސް ފާރުން ބައެއް ތަޅާލައިގެންނެވެ.

މި ހުރިހާ ދައްޗަކާއެކު ދިރިއުޅެމުން އައި އުލިގަމު ރައްޔިތުންނަށް މިހާރު މިވަނީ އެކަމުން އަރައި ގަނެވޭނެ އުއްމީދެއް ފެނިފައެވެ. ސަރުކާރުން އެރަށުގައި 2019 ވަނަ އަހަރު ޢިމާރާތްކުރަން ފެށި އައު އިންޖީނުގޭގެ މަސައްކަތް މަސައްކަތް މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ. ޢިމާރާތުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އައު އިންޖީނުގެ ޢިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ. އެހެންކަމުން އައު އިންޖީނުގެއާއެކު އެރަށު ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ.

އެރަށު އިންޖީނުގޭގެ މަސައްކަތަކާއި ގުޅޭގޮތުން ކައުންސިލްގެ ރައީސް އަޙްމަދު މުޢާޒް މުޙައްމަދު ވިދާޅުވީ، ޒަމާނީ ފެންވަރުގެ އިންޖީނުގެއާއެކު އެރަށުގެ ރައްޔިތުން އުފުލަމުން އަންނަ ކަރަންޓުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ. މި މަޝްރޫޢުގައި ނެޓްވޯކް ބަދަލު ކުރުމާއެކު މަޝްރޫޢު ގާތްގަނޑަކަށް މާޗް މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ކޮންޓެކްޓަރާ ހަވާލާދެއްވާ މުޢާޒް ވިދާޅުވިއެވެ.

"އައު އިންޖީނުގެ އެޅިގެން މިދަނީ އަވަށާ ދުރުގަ. މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގަ މި އިންޖީނުގެ އެޅިގެން މިދަނީ. މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އޮތް ދަތިތަކުން ސަލާމަތްވެގެން ދާނެ. ދުމުގެ ސަބަބުން ކުރާ އަސަރާ އޭގެ އަޑާ ހުރިހާ ކަމަކޫން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. މިހާރުއ އެބައުޅޭ ބައެއް ސަރަަހައްދުތަކުގައި ވޯލްޓޭޖް ޑްރޮޕްވުން ކަހަލަ މައްސަލަތައް. ކަރަންޓް ހަމައަށ ްނުލިބި ކަރަންޓް ސާމާނު ބޭނުންކުރުމުގައި ދަތިތަކެއް އެބަހުރި. އެހެންކަމުން އައު އިންޖީނުގެއާއެކު ހުރިހާކަމަކަށް ޖުމްލަކޮށް ހައްލު ލިބިގެންދާނެ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެރަށުން ވާހަކަ ދެއްކި މީހުންވެސް ވަނީ އައު އިންޖީނުގެ މަޝްރޫޢުއަކީ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ މަޝްރޫޢުއެއްކަމަށެވެ. ރައްޔިތުން މިހާރު އިންތިޒާރުކުރަމުން އަންނަނީ އައު އިންޖީނުގެއިން ޚިދުމަތް ލިބޭނެ އިރަކަށްކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

"ވަރަށް ޒަމާން ވެއްޖެ މި އަޑުފަށްގަޑުގަ އުޅެން ޖެހިފައިވާތާ. އިންޖީނުގެ މިހާ ކައިރީގައި ހުރުމުން ކުޑަކުދިންނަށް އެންމެ އުނދަގޫވަނީ. އެކުދިންނަށް ބޭރަށް ނިކުމެވޭކަށްވެސް ނޯވޭ މިހާ ކައިރީގައި އިންޖީނުގެ ހުންނާތީ." އެރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އުލިގަމުގައި މިހާރު ކަރަންޓު ދެމުން އަންނަނީ 128 ކިލޯ ވޯޓްގެ 2 ޖަނެރޭޓަރާއި 80 ކިލޯވޯޓްގެ 1 ޖަނެރޭޓަރުންނެވެ. ނަމަވެސް އައު އިންޖީނުގެ އާއެކު 250 މެގަވޯޓްގެ ޖަނެރޭޓަރެއްވެސް ޤާއިމްކުރެވޭނެކަމަށް އެރަށު އިންޖީނުގެއިން ބުންޏެވެ. އަދި އައު މަޝްރޫޢުއާއެކު އިއާދަކުރަނިވި ހަކަތަވެސް ބޭނުންކުރާނެކަމަށް އުލިގަމު އިންޖީނުގެއިން މަޢުލޫމާތު ދިނެވެ.

ހއ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 13 ނޮވެމްބަރ 2019ގައެވެ.

ރަށްރަަށުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އަވަށުތެރޭ ހިންގަމުން ދިޔަ އިންޖީނުގެތައް ރައްޔިތުންނަށް އުނދަގޫ ނުފޯރާ ހިސާބަށް ބަދަލުކުރުމާއި އައު އިންޖީނުގެތައް އެޅުމާއި ކަރަންޓް ނެޓްވޯކް އަޕްގެރޭޑް ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން އަތޮޅު ތެރޭގައި ފެނަކައިން ޚިދުމަތްދޭ ގިނަ ރަށްރަށުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެކުންފުނިން އަންނަނީ ހިންގަމުންނެވެ.