ޚަބަރު

އެމްއެމްޕީއާރުސީއާއި ބީބީސީ ގްލޯބަލް ނިއުސް ގުޅިގެން ރާއްޖެ އިޝްތިހާރުކުރަނީ

ބައިނަލްއަޤްވާމީ ގޮތުން ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއާއި ބީބީސީ ގްލޯބަލް ނިއުސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދެވެ. ބީބީސީގެ ގްލޯބަލް ނިއުސްގެ ފަރާތުން ސޮއިކޮށްފައިވަނީ ބީބީސީ ސްޓޫޑިއޯސްގެ ކޮމާޝަލް އޮޕަރޭޝަންސްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ނިކް ކާލްޓަންއެވެ.

މި އެއްބަސްވުމުގެ ބޭނުމަކީ ރާއްޖެއަކީ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް އޮތް، ރައްކާތެރި، ލަގްޒަރީ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް އިޝްތިހާރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މި މެސެޖް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވާހަކައިން ގެނެސްދޭނެއެވެ.

މި ކެމްޕެއިނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ތޮއްޔިބް މުހައްމަދު ވިދާޅުވީ، މިއީ އެމްއެމްޕީއާރުސީގެ ގްލޯބަލް މާކެޓިންގ ސްޓްރެޓަޖީގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ ތެރެއިން އެއް ހަރަކާތްކަމަށެވެ. އަދި މިފަދަ ހަރަކާތްތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ވިޒިބިލިޓީ ދެމެހެއްޓުމަށް ހިންގާ ކެމްޕެއިންތަކެއް ކަމުގައި ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބް ވިދާޅުވީ ބީބީސީއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަކީ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް އޮތް، ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ކުރަމުންދާ މަސައްކަތަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށެވެ. އަދި މި ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި، މި ދާއިރާގެ އެކި މީހުންގެ ވާހަކަތައް ބީބީސީގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ބައިނަލްއަޤްވާމީ ފެންވަރުގައި ޕްރޮމޯޓްކުރެވޭނެކަމަށެވެ.

މި ކެމްޕެއިނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެލިސްޓާ މެކްއިވާން ވިދާޅުވީ ފަތުރުވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ދަތުރުފަތުރުކުރުމަށް ރާވަމުންދާއިރު، ރައްކާތެރިކޮށް ފަތުރުވެރިކަން ކުރެވޭނެ ގޮތްތަކާއި، ފަތުރުވެރިކަމާބެހޭ އެކި މަންޒިލްތަކުގެ ސައްހަ މައުލޫމާތު އަދި މަންޒިލްތަކުން ލިބޭ ސަޤާފީ އަދި ތަފާތު އެހެން ތަޖުރިބާތަކުގެ މައުލޫމަތު ބޭނުންވާކަމަށެވެ. އަދި ރާއްޖޭގެ މިފަދަ ވާހަކަތައް ބައިނަލްއަޤްވާމީ އޯޑިއަންސްއަށް ގެނެސްދިނުމަށް އެމްއެމްޕީއާރުސީއާއެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބިފައިވާތީ އެކަމާ އުފާކުރައްވާކަމަށާއި، ބީބީސީ ސްޓޯރީވޯކްސް އަކީ މިކަން ކުރުމުގެ އެތައް ގަރުނެއްގެ ތަޖުރިބާ ލިބިފައިވާ ބައެއް ކަމަށެވެ.

މިއީ އެމްއެމްޕީއާރުސީއިން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީއާ ގުޅުވައިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެންޕެއިން އަންނަ މާރޗް މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.