ވިޔަފާރި

މިއަހަރުގެ ފުރަތަމަ ފޭމް ޓްރިޕްގައި ޖަޕާނުގެ ނޫސްވެރިންތަކެއް ރާއްޖެއަށް


މިއަހަރުގެ ފުރަތަމަ ފޭމް ޓްރިޕްގައި އެމްއެމްޕީއާރުސީގެ ދައުވަތަކަށް ޖަޕާނުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި ދަތުރު ކުރިއަށް ދާނީ ޖެނުއަރީ 11 ވަނަ ދުވަހުން 17 ވަނަ ދުވަހާ ހަމައަށެވެ.

އެމްއެމްޕީއާރުސީން ބުނީ މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ ޖަޕާންގެ އާންމުންގެ މެދުގައި މަޤުބޫލު އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި، ނޫސް ތަކުގެ ލިއުންތެރިން ހިމެނޭ ޓީމެއްކަމަށެވެ. މިއީ އެމްއެމްޕީއާރުސީއިން އިންތިޒާމްކޮށްގެން މި އަހަރު ކުރިއަށްގެންދާ ފުރަތަމަ ފެމިލިއަރައިޒޭޝަން ދަތުރެވެ.

މި ދަތުރަށް ފަހު މިއިން ކޮންމެ މަޖައްލާއެއްގައި ރާއްޖެއާ ބެހޭގޮތުން އާޓިކަލްތައް ޝާއިޢުކުރާނެއެވެ. މި އާޓިކަލްތައް ޖަޕާނުގެ މަތީ ފަންތީގެ ފަތުރުވެރިންނާއި، ބަޖެޓް ފަތުރުވެރިންނާއި ހަމައަށް ފޯރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މީގެ ސަބަބުން މި މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓްކުރެވޭނެއެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފާވަނީ ވިޒިޓް މޯލްޑިވްސްއިން ޖަޕާނުގެ މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީއަކީ ރާއްޖެގެ ޯރުކޮށްދީ، ފަތުރުވެރިކަމުގެ ތަފާތު ސެގްމެންޓުތައް ޖަޕާން މާކެޓަށް އިޝްތިހާރުކުރުމަށް ބައްޓަންކޮށްފައިވާ ސްޓްރެޓަޖީއެކެވެ.

2019 ވަނަ އަހަރު 44،251 ފަތުރުވެރިން ޖަޕާނުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރިއެވެ. ޖާޕާން މާކެޓްއަކީ 9 ވަނަ އަށް އެންމެ ގިނައިން2019 ގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މާކެޓްއެވެ. ކޮވިޑް-19 އާއި ގުޅިގެން ޖަޕާންގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިހާރު ހުޅުވާފައި ވީނަމަވެސް ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުފަތުރު ކުރުމުގައި ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އޮމިކްރޯންގެ ސަބަބުން ކުރިން ދެވުނު ލުއިތައްވެސް އަލުން ވަނީ އަނބުރާ އިއާދަކޮށްފައެވެ.

ރާއްޖެ ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. މި އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.