ޚަބަރު

މިނިސްޓަރ ޝާހިދު އިންޑިއާ ސަފީރާއި ބައްދަލުކުރައްވައިފި


އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާއި ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ތިން އަހަރުދުވަހުގެ ތެރޭގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިވެފައިވާ މިންވަރު ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކޯވިޑްގެ ދަތި ހާލަތުގައި ވެދިން އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރައްވައި އިންޑިއާއަކީ އަބަދުވެސް ރާއްޖެއިން ބަރޯސާވެވޭނެ ފަދަ ގައުމެއްކަމަށް ވިދާޅުވެފައެވެ. އަދި ހައި ކޮމިޝަނަރުވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.