ޚަބަރު

މިދިޔަ އަހަރު ޖޭއެސްސީއަށް ފަނޑިޔާރުންނާއި ގުޅުންހުރި 400 މައްސަލަ


މިދިޔަ އަހަރު ފަނޑިޔާރުންނާއި ގުޅުންހުރި ސުލޫކީ މައްސަލައިގެ ގޮތުގައި 404 މައްސަލަ ހުށައެޅިފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެކޮމިޝަނަށް ހުށަހެޅުނު ފަނޑިޔާރުންނާއި ގުޅުންހުރި ސުލޫކީ މައްސަލަތަކުގެ ތެރެއިން 395 މައްސަލަ ވަނީ ބަލައި ނިންމާފައެވެ. އަދި މިއަހަރު ފެށުނުއިރު "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން"ގައި ގޮތެއް ނުނިމި އޮތީ 42 މައްސަލައެވެ. އޭގެ ކުރިން 2020 އަހަރު ނިމުނުއިރު، ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގައި ގޮތެއް ނުނިމި އޮތީ 33 މައްސަލައެވެ.

މިދިޔަ އަހަރު 26 މައްސަލައެއް ތަހުގީގު ކުރުމަށް ނިންމާފައިވާއިރު، ތަހުގީގު ކުރުމަށް 2021 ގައި ކޮމިޓީއާ ހަވާލުކުރި މައްސަލައިގެ އަދަދަކީ 26 ކަމަށްވެސް ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވެއެވެ. އެކޮމިޝަނުން ވިދާޅުވީ މިދިޔަ އަހަރު 77 ތަޙްޤީޤު ކޮމިޓީއަކުން 88 މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދިކަމަށާއި، އަދި 33 މައްސަލައިގެ ތަޙްޤީޤުކޮށް ނިންމާފައިވާއިރު، ތަޙްޤީޤު ނުނިމި އޮތީ 55 މައްސަލަ އޮތްކަމަށެވެ.

މިދިޔަ އަހަރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އެންމެ ފަނޑިޔާރެއްގެ މައްސަލަ ކަމަށާއި، އެއީ ކްރިމިނަލް ކޯޓިގެ ޤާޟީ އިސްމާއިލް ރަޝީދުގެ މައްސަލަކަމަށް ޖޭއެސްސީގެ ރިޕޯޓުގައިވެއެވެ. އަދި މިދިޔަ އަހަރު ވަކިކުރުން ފިޔަވައި، އެހެނިހެން ސުލޫކީ ފިޔަވަޅުތައް އަޅާފައިވަނީ 14 ފަނޑިޔާރުންނަށްކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

މިދިޔަ އަހަރު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް 18 މައްސަލައެއް ނިންމާފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ. މިދިޔަ އަހަރުގެ ނިޔަލަށް "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން" ގެ 112 ބައްދަލުވުމެއް ބޭއްވިފައިވާކަމަށް ޖޭއެސްސީގެ އަހަރީ ރިޕޯޓުގައިވެއެވެ.