ކުޅިވަރު

އިނގިރޭސި އެފް އޭ ކަޕްގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަހޯދައިފި


އިނގިރޭސި އެފް އޭ ކަޕްގެ ހަތަރުވަނަ ބުރުން މެންޗެސްޓަރ ޔުނައިޓެޑް ޖާގަހޯދައިފިއެވެ. ޔުނައިޓެޑް މިމުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި އެސްޓަން ވިލާ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ޔުނައިޓެޑުން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. މިމެޗްގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ޖަހައިދިނީ ސްކޮޓް މެކްޓޮމިނޭއެވެ. މިމެޗްގެ ދެވަނަ ހަފްގައި ވިލާއިން ވަރަށް ގާތްގާތުގައި ދެފަހަރެއްގެ މަތިން ޔުނައިޓެޑްގެ ގޯލަށް ބޮޅަ ވައްދާލި ނަމަވެސް މިދެފަހަރުވެސް ވަނީ އޮފް ސައިޑްކަމަށް ނިންމާފައެވެ. މިގޮތުން ފުރަތަމަ ފަހަރު އޮފް ސައިޑެއްކަމަށް ނިންމުމަށް ވީއޭއާރުން ވަރަށް ގިނަ ވަގުތު ނެގިއެވެ. ނަމަވެސް ދެވަނަ ފަހަރު އެއީ އޮސްސައިޑްކަން ވަރަށް ސާފުކޮށް ފެންނަން އޮތެވެ. މީގެއިތުރުންވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ވިލާ އާއި ޔުނައިޓެޑަށްވެސް ލިބި ވަނީ ބޭކާރުވެފައެވެ. މިމެޗްގައި އަނިޔާ އަކާއި ގުޅިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅެއެވެ.
މިކާމިޔާބީއާއެކު ޔުނައިޓެޑް މިމުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަހޯދިއިރު ހަތަރުވަނަ ބުރުގައި ވާދަކުރަންޖެހެނީ މިޑިލްސްބްރަރއާއެވެ. އަދި ފަހަކަށް އައިސް ވިލާއަށް އެފް އޭ ކަޕްގައި މާރަނގަ ނަތީޖާއެއް ހޯދިފައެއް ނުވެއެވެ.

ވިލާއަށް މިމުބާރާތުގައި އެންމެފަހުން މެޗެއް ކާމިޔާބު ކުރެވިފައިވަނީ 2016 ވަނަ އަހަރު ތިންވަނަ ބުރުގެ ރީޕްލޭ މެޗެއްގެ ގޮތުގައި ވައިކޯމްބާއި ދެކޮޅަށް ކުޅުނު މެޗެވެ. މިއަންނަ އަހަރަށް މިމުބާރާތުގެ މެޗަކުން އެސްޓަން ވިލާ މޮޅު ނުވާތާ ހަތް ވަނަ ސީޒަނަށް ވާނެއެވެ.