ސިޔާސީ ޕާޓީތަކުގެ މެންބަރަކަށް ވުމަށްޓަކައި ސައްޙަ ނޫން ފޯމު ހުށައެޅުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ފޯމްތައް ޢާންމުކުރުމުގެ ވިސްނުމެއް އިލެކްޝަންސް ކޮމިޝަނުން ގެންގުޅުއްވާކަމަށް އެކޮމިޝަންގެ ރައީސް ފުވާދު ތަޢުފީޤް ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ސައްޙަ ނޫން ފޯމު ހުށައެޅުމުގެ މައްސަލައަކީ ބޮޑު މައްސަލައަކަށް ވީނަމަވެސް މިކަން ހުއްޓުވޭނެ ހަރުދަނާ ނިޒާމެއް މިހާތަނަށް ރާއްޖޭގައި ޤާއިމްކުރެވިފައެއް ނުވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤް ވިދާޅުވީ ސައްޙަ ނޫން ފޯމް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ހުށަހަޅާކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ސިޔާސީ ޕާޓީތަކަށް ވެއްދުމުގައި ފޯމް ފުރާއިރު، މީހާ ނެތި އެހެން މީހުންގެ ސޮއި ކުރުމާއި ފިންގަޕްރިންޓް ޖެހުންފަދަ މައްސަލަތައް ފާހަގަކުރެވޭކަމަށް ފުވާދު ވިދާޅުވިއެވެ. ޕާޓީތަކުން ހުށަހަޅާ ފޯމްތައް ޗެކްކޮށް، ސައްޙަ ރަނގަޅު ފޯމް ހުށައެޅުމަށް ޕާޓީތަކަށް ތަކުރާރުކޮށް އަންގަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
ސައްޙަ ނޫން ފޯމުތައް އީސީއަށް ހުށަހަޅާ މައްސަލަ ހައްލުކުރުމަށް އެކޮމިޝަނުން ގެންގުޅޭ ވިސްނުންތައް ތަފްސީލްކޮށްދެއްވަމުން ފުވާދު ވިދާޅުވީ، ޕާޓީތަކުން ހުށަހަޅާ ފޯމްތައް އެކޮމިޝަންގެ ވެބްސައިޓްގައި ޢާންމުކުރުން ނުވަތަ ޕާޓީއަށް ވަންނަން އެދޭ މީހާއަށް ފޯމް ބަލާލުމުގެ އެކްސެސްއެއް ދިނުމުގެ ވިސްނުން އެކޮމިޝަނުން ގެންގުޅޭކަމަށެވެ. ނަމަވެސް އެއީ އަދި ގޮތެއް ނިންމިފައި ނުވާކަމެއްކަމަށް ފާހަގަކުރައްވާ ފުވާދު ވިދާޅުވީ، އެކަމާއި އެކޮމިޝަންގެ މެންބަރުންގެ މެދުގައާއި، ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރައްވާނެކަމަށެވެ.
"މިހާރުވެސް ގޮތްތަކެއް އެބަ ޚިޔާރުކުރަން މިކަންކަން އިސްލާހުކުރުމަށް. އަދި މުޅިން އަޅުގަނޑުމެންނަކަށް އެކަންތައްތަކެއް ނުއެއް ނިންމޭ. މި ފެށޭ ހަފްތާގައިވެސް އެބައޮތް ސިޔާސީ ޕާޓީތަކާއެކު ބައްދަލުވުމެއް ބާއްވަން، ކޮންމެ ޕާޓިއަކުން އިސް ދެ ބޭފުޅަކާއެކު. މިއީ އަޅުގަނޑުމެން ވާހަކަ ދައްކާނެ އެއް ކަންތައް ސައްހަ ނޫން ފޯމް ހުށައެޅުމުގެ މައްސަލަ. އަޅުގަނޑުމެން ހުށައަޅާނެ ޚިޔާލުތަކެއް އެބަހުރި. އެއީ ހުށައަޅާ ފޯމްތައް ޢާންމުކުރުމާއި ގުޅޭގޮތުން ކޮބައިތޯ އެމީހުން ދެކޭ ގޮތަކީ ބެލުން. ޢާންމުންނަށް ފެންނަ ކަހަލަ ގޮތަކަށް ނޫނީ ކޮންމެވެސް ކަހަލަ ގޮތަކަށް ހެދުން. ނޫނީ އަޅުގަނޑުމެންގެ ވެބްސައިޓުން އެކްސެސްލިބޭނެ ގޮތެއް ހެދުން." ފުވާދު ވިދާޅުވިއެވެ.
ފުވާދު ވިދާޅުވީ ފޯމު އާންމުކުރާނީ އެމީހާގެ ހުރިހާ މަޢުލޫމާތެއް ފެންނަގޮތަށް ޢާންމުކުރުމުގެ ބަދަލުގައި އެމީހާގެ ބައެއް މަޢުލޫމާތުތައް ފެންނަގޮތަށް ކަމަށެވެ.
"އަޅުގަނޑުމެންގެ އެއް ވިސްނުމެއް އެއީ ފޯމްތައް ފެންނާނެގޮތަށް ޢާންމުކުރުން އިނގޭތޯ. ފުރަތަމައިނުން ފޯމްތައް ލިބުމާއެކު ރަޖިސްޓްރީ ކުރުމުގެ ކުރިން އޭތި އަޅުގަނޑުމެންގެ ވެބްސައިޓްގަ ޢާންމުކުރުން. މިސާލަކަށް މިވެނި ޕާޓިއަކުން މިހާރު އެދިވަޑައިގެންފައި ތިއްބެވި ބޭފުޅުންނަކީ މެވެނި މީހުންނޭ. ހުރިހާ މަޢުލޫމާތެއް ނޫން. މިސާލަކަށްނަމާ އެޑްރެހާ އައިޑީކާޑު ނަންބަރުގެ ތެރެއިން ތިން ނަންބަރެއް. މިކަހަލަ ޚިޔާލުިތަކެއް އެބަ ގެންގުޅެން." ފުވާދު ވިދާޅުވިއެވެ.
އެކޮމިޝަނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގެ އެންމެންގެ ފިންގަފްރިންޓް ނުވަތަ އިނގިލީގެ ނިޝާން ހިމެނޭ ޑޭޓާ ބޭސްއެއް ނެތުންކަމަށް ފުވާދު ވިދާޅުވިއެވެ. އެހެންކަމުން ފިންގަ ޕްރިންޓް ކަށަވަރުކުރެވޭނެ ނިޒާމެއް ނެތްކަމަށާ، އެކަމުގައި ފުލުހުންގެ ފަރާތުން އެހީތެރިކަން ހޯދިނަމަވެސް ބައެއް ދަތިކަން ހުރިކަން ފުވާދު ފާހަގަކުރެއްވިއެވެ. ފުއާދު ވަނީ ސަރުކާރުގެ މަޝްރޫޢުއެއްގެ ދަށުން ރާއްޖޭގެ 18 އަހަރުންމަތީގެ ހުރިހާ އެންމެންގެ ފިނގަރ ޕްރިންޓް ނެގޭނެ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ޕްލޭންތަކެއް ކުރެވެމުން އަންނަކަަމަށް ވިދާޅުވެފައެވެ.
އެންމެ ބޮޑު އެއްމައްސަލއަކީ އެންމެންގެ ފިންގަ ޕްރިންޓް ހުރި ޑޭޓާ ބޭސްއެއް ނެތުން. އެހެންކަމުން އެކަން ޗެކްކުރެވޭނެ ނިޒާމެއް ނެތް. އެކަމަށް ބޭނުންވާ މެޝިނަތީވެސް ނެތް. ކޮންމެވެސްވަރަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުންލިބުނަސް ހުރިހާ ފޯމެއް ފުލުހުން ޗެކް ކުރުމަކީ ދަތިކަމެއް.
މިއަހަރުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ އުންމީދެއް އެބައޮތް ކޮންމެސް ޕްރޮޖެކްޓެއްގެ ތެރެއިން ރާއްޖޭގެ އެންމެގެ ފިންގަ ޕްރިންޓް ނެގުމުގެ މަޝްރޫޢުއެއް ފަށާނެކަމަށް. އެއީ އަދި ކުރުމަށް ޕްލޭންކުރެވިފައިވާކެމް. އެގޮތުން 18 އަހަރުންމަތީގެ އެންމެންގެ ފިންގަ ޕްރިންޓްގެ ޑޭޓަ ބޭސްލިބުމަކީ ބޮޑު ހައްލެއް ލިބޭނެކަމެއް." ފުވާދު ވިދާޅުވިއެވެ.
ފުވާދު ވިދާޅުވީ ސައްޙަނޫން މަޢޫލޫމާތު ހިމެނޭ ފޯމު ލިބުން ހުއްޓުވޭނެކަމަށާ، އެކަމަށް ސިޔާސީ ޕާޓީތަކުގެ އެއްބާރުލުމާއި އެހެން މުއައްސަސާތަކުގެ އެއްބާރުލުންވެސް ބޭނުންވާކަމަށެވެ. ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ވުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތަކުގެ ޞައްހަކަން ކަށަވަރު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތްބަޔަކީ ސިޔާސީ ޕާޓީތައް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު މިހާރު ސިޔާސީ ޕާޓީތަކަށް ވަނުމަށް ފޯމު ހުށަހަޅަން ޖެހެނީ އެޕާޓީއަކުންނެވެ. އަދި ޕާޓީއަކުން މީހަކު ވަކިވާނަމަ އެކަންވެސް ކުރެވެނީ ސިޔާސީ ޕާޓީއެއް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެންނެވެ.