ޚަބަރު

ޑިސެމްބަރ މަހު މީރާއަށް ލިބުނު ޢާމްދަނީ އަންދާޒާކުރި ޢަދަދަށްވުރެ %45 އިތުރު


މިދިޔަ ޑިސެމްބަރ މަހު މީރާއަށް 2.03 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %95 އިތުރު އަދަދެކެވެ. އަދި، ޑިސެންބަރު 2021 ގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ޢަދަދަށްވުރެ %45 އިތުރު އަދަދެއްކަމަށް މީރާއިން ބުނެއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެންބަރު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 952.77 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 485.44 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.60 މިލިއަން ރުފިޔާ، އިންކަމް ޓެކްސްގެ ގޮތުގައި 95.69 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 94.41 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 243.65 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ ޑިސެންބަރު މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.48 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މީރާއިން މަޢުލޫމާތު ދޭ ގޮތުގައި، ޑިސެންބަރު 2020ގައި ލިބުނު ޢާމްދަނީއާ އަޅައިބަލާއިރު ޑިސެންބަރު 2021ގައި ލިބިފައިވާ ޢާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ. މިގޮތުން، ނޮވެމްބަރު 2020އާ އަޅާބަލާއިރު ނޮވެމްބަރު 2021ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޢަދަދު 4 ގުނަ ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން، 2021ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ޢާމްދަނީ ލިބިފައިވުމަކީ ޑިސެންބަރު 2021ގައި ލިބިފައިވާ ޢާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ ޑިސެންބަރު 2020ގައި ލިބިފައެއް ނުވެއެވެ.