ކުޅިވަރު

2024/2023 ވަނަ އަހަރުގެ ޕްރިމިއަރ ލީގު ކޮލިފިކޭޝަންގައި ބައިވެރިވުމަށް ހުޅުވާލައިފި


މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގު ކޮލިފިކޭޝަން ބައިގައި ރަޖިސްޓްރީވާން ރަސްމީކޮށް ހުޅުވާލައިފިއެވެ. އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ ފޯމެޓާ އެއްގޮތަށް 2023/2024ވަނަ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން ފެށުމަށް ނިންމާފައިވަނީ އަންނަ މާޗް މަހު އެއް ވަނަ ދުވަހުކަމަށެވެ. އަދި ކޮލިފިކޭޝަންގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ 14:00ގެ ކުރިން އެފްއޭއެމަށް ލިޔުމަކުން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގު ފުޅާ ކުރުމަށް ނިންމާފައިވާއިރު، އެފްއޭއެމުން މުޅި ރާއްޖެ ބަހާލުމަށް ނިންމާފައިވަނީ 4 ޒޯނަކަށެވެ. އެގޮތުން ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އަތޮޅެވެ. ޒޯން ދޭއްގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަދި ޒޯން ތިނެއްގައި ހިނެނެނީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި އެންމެ ފަހު ޒޯން ހަތަރެއްގައި ހިމެނެނީ މާލެ ސަރަހައްދެވެ. އެއީ މާލެ، ހުޅުމާލެ އަދި ވިލިމާލެއެވެ.

އެފްއޭއެމުން ނެރުނު ބަޔާންގައި ބުނެފައިވާ ގޮތުން 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގު ކޮލިފިކޭޝަން ބައިގައި ރަޖިސްޓްރީވާން ރަސްމީކޮށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް އީމެއިލްގެ ޒަރިއްޔާއިންވެސް ބައިވެރިވެވޭނެއެވެ. މިކަމަށް އެފްއޭއެމުން ކަނޑައަޅާފައިވާ އީމެއިލް ކަމަށްވާ އީމެއިލް ނޫން އެހެން އީއެމްއިލްތަކަށް ފޮނުވާ އެއްވެސް އީމެއިލެއް ބަލައިނުގަންނާނެކަމަށް އެފްއޭއެމުން ވިދާޅުވެއެވެ.

2023/2024ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ދިވެހި ޕްރިމިއަރ ލީގު ކޮލިފިކޭޝަން ކުރިއަށްދާނީ ކޮންމެ ޒޯނެއްގައި އެއްވަނަ، ދެވަނަ އަދި ތިންވަނަ ޑިވިޝަން ހިމެނޭ ގޮތަށެވެ. ތިންވަނަ ޑިވިޝަންގެ ޓީމުތަށް ހޮވުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިއަށްދާ އޯޕަން ޑިވިޝަނުންނެވެ. އޯޕަން ޑިވިޝަން ކުރިއަށްދާނީ ރަށު ފެންވަރުގައެވެ.

ލީގުތަކުގައި ބައިވެރިވެވޭނީ ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވި ގާނޫނީ ގޮތުން ވެސް ބަލައިގަނެފައިވާ ޓީމުތަކަށެވެ. ދިވެހި ޕްރިމިއާ ލީގު 2023/2024 ވަނަ އަހަރު ފަށާއިރު އޮންނާނީ މި ވަގުތު ވެސް ޕްރިމިއާ ލީގުގައި އޮތް އަށް ޓީމުގެ އިތުރުން ހަތަރު ޒޯންގެ ޗެމްޕިއަނުންނެވެ. މީގެ ތެރެއިން މާލެ ޒޯންގެ ޗެމްޕިއަން ގޮތުގައި ކަނޑައަޅާނީ 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުން ކަމަށް ވަނީ ނިންމާފައެވެ. ދެން އޮތް 3 ޖާގަ ލިބޭނީ ޒޯން ޗެމްޕިއަނުންނަށެވެ.