ޚަބަރު

އަނެއްކާވެސް ރެކޯޑް ޢަދަދެއް ! އިތުރު 454 މީހަކު ކޯވިޑަށް ޕޮޒިޓިވް


ރާއްޖެއިން މިއަދު އަނެއްކާވެސް ރެކޯޑް ޢަދަދަކަށް ކޯވިޑަށް މީހުން ޕޮޒިޓވް ވެއްޖެއެވެ. އެގޮތުން މިއަދު އިތުރު 454 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު މިވަނީ 98،000އިން މަތީގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 454 މީހުންގެ ތެރެއިން 165 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 192 މީހުންނެވެ. އަދި ރިސޯޓްތަކުން 74 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 98،506އަށް އަރާފައެވެ.

އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ އިތުރުވާން ފަށާފައެވެ. މިވަގުތު 3،825 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 21 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

މިދިޔަ 24 ގަޑިއިރު 140 މީހުންވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 94،404 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،825 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 264 މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ފެތުރެމުން އަންނާތީ މިދުވަސްވަރު ޗުއްޓީއާއި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.