ޚަބަރު

ފުރަތަމަ ދިވެހި ފްލައިންގ ސްކޫލްގެ ކިޔެވުން ރަސްމީކޮށް ފަށައިފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި އައިލޭންޑް އެވިއޭޝަން ގުޅިގެން ހިންގާ ފްލައިންގ ސްކޫލް، "މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ"ގެ ފުރަތަމަ ބެޗުގެ ކިޔެވުން ރަސްމީކޮށް ފަށައިފިއެވެ.

ގައުމީ އެއަރލައިން، މޯލްޑިވިއަންއާއި އެމްއެންޔޫ ގުޅިގެން ހިންގާ މި ފްލައިން ސްކޫލަކީ ދިވެހި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮވެގެން ހިންގާ ފްލައިން ސްކޫލެކެވެ. އަދި މިތަން މެނޭޖްކުރަން ހަވާކުކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއެވެ.

މޯލްޑިވިއަން އެވިއޭޝަން އެކަޑަމީގެ ނަމުގައި ހިންގާ ފްލައިން ސްކޫލުގެ ކިޔެވުން މިއަދު ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިލޭންޑް އެވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާއިޝަތު ޖެނިފަރ ވިދާޅުވީ، ފްލައިންގ ސްކޫލްގެ ކިޔެވުން ކުރިއަށްދާނީ އޮންލައިންކޮށްކަމަށެވެ. އަދި މިއީ ސިވިލް އެވިއޭޝަން އޮތޯރިޓީން މިގޮތަށް ކޯހުގެ ތިއަރީ ބައި ކުރިއަށް ގެންދިއުމަށް ހުއްދަ ދިން ފުރަތަމަ ފަހަރުކަމަށްވެސް ޖެނިފަރ ވިދާޅުވިއެވެ.

ޖެނިފަރ ވިދާޅުވީ ފްލައިންގ ސްކޫލްގެ ދަރިވަރުންނަށް އޮންލައިކޮށް ކްލާސް ނަގައިދެނީ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލުގެ މުދައްރިބުންކަމަށެވެ. އަދި ކުދިންނަށް ކިޔަވައި ދިނުމުގައި ބޭނުންކުރާނީ އެންމެ ޒަމާނީ ލާނިންގް މެނޭޖްމެންޓް ސިސްޓަމެއްކަމަށްވެސް މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން މައުލޫމާތުދެއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ހޯމަ ދުވަހު ފަށާފައިވަނީ 35 ކުދިންގެ ބެޗަކާއިއެކުއެވެ. ފުރަތަމަ ބެޗުގައި ފުރުސަތު ދީފައިވަނީ ކުރިން އައްޑޫ ފްލައިން ސްކޫލުގައި ކިޔެވި ދަރިވަރުންނަށެވެ. މިކުދިންނަށް ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 150 ގަޑިއިރުގެ ރިފްރެޝަރ ތިއަރީ ކްލާސްތަކަކާއި އަދި އެއަށްފަހު 10 ގަޑިއިރުގެ އުދުހުމުގެ ކްލާސްތަކެވެ. މިކުދިންގެ ކްލާސްތައް ހަފްތާއަކު ހަތަރު ދުވަހު މެންދުރު 1:00 އިން ފެށިގެން ހަވީރު 6:00 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ.

އައިލޭންޑް އެވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޖެނިފަރ ވިދާޅުވީ، އައްޑޫގައި ކުރިން ހިންގި އޭވިއޭޝަން އެކަޑަމީގެ 75 ވަރަކަށް ކުދިންގެ ކިޔެވުން މަޑުޖެހިފައިވާކަމަށް ރެކޯޑުތަކުން ދައްކާކަމަށެވެ. އެހެންކަމުން ފުރަތަމަ ބެޗުގައި ނެގޭނެ އެންމެ ގިނަ ކުދިން ނަގައިގެން ކިޔެވުން ފެށީ، އެކުދިންނަށް ވަގުތު ގެއްލުނަނުދިނުމަށްކަމަށް ޖެނިފަރ ވިދާޅުވިއެވެ. އަދި މިގޮތަށް ފެށީ، ހުރިހާ ކުދިން އެއްފަހަރާ ނަގައިގެން މިހާރު އެކަޑަމީއަށް ފުރަތަމަ ގެންނަ 6 ބޯޓުން އެންމެ އެދެވޭ ގޮތަށް ވަގުތު ދީގެން ކިޔަވައި ދެވޭނީ މިއަދަދަށް ކަމަށްވާތީކަމަށްވެސް ޖެނިފަރ ވިދާޅުވިއެވެ. އަދި ފުރަތަމަ ބެޗުގެ ދަރިވަރުން ނިމެންވާއިރަށް އައު ކުދިންނަށް ފުރުސަތު ދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖެނިފަރ ވިދާޅުވީ ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކިޔެވުމުގެ ކަންކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށެވެ. އަދި ފްލައިންގ ސްކޫލްގެ ކިޔެވުން އަވަހަށް ފެށިގެން ދިޔައީވެސް ސަރުކާރުގެ އިދާރާތަކުން ލިބުނު އެއްބާރުލުމުގެ ސަބަބުންކަމަށް ޖެނިފަރ ވިދާޅުވިއެވެ.

ޖެނިފަރ ވިދާޅުވީ ފްލައިންގ ސްކޫލްގެ ޕްރެކްޓިކަލް ކްލާސްތަކަށް ބޭނުންވާ ބޯޓުތައް ގަނެ، އޭގެތެރެއިން ބައެއް ބޯޓުތައް ރާއްޖެ އައުމުގެ މަގުމަތީގައިވާކަމަށެވެ. ފްލައިންގ ސްކޫލަށް 6 ބޯޓު ގެނައުމަށް ހަމަޖެހިފައިވާއިރު، މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ އުއްމީދަކީ ދަރިވަރުންގެ އޮންލައިން ކްލާސްތައް ނިމެންވާއިރަށް ބޯޓުތައް ގެނެވި ޕްރެކްޓިކަލް ކްލާސް ފެށުން ކަމަށްވެސް ޖެނިފަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފުރަތަމަ ދިވެހި ފްލައިން ސްކޫލް ޤާއިމްކުރަން ނިންމީ މީގެކުރިން އައްޑޫގައި ބޭރު ބަޔަކު ހިންގަމުން އައި ފްލައިން ސްކޫލުގެ ދަރިވަރުންނަށް ގިނަ ދަތިތަކެއް ދިމާވެ، އެންމެ ފަހުން އެކުދިންގެ ކިޔެވުން ހުއްޓުމާއި ގުޅިގެންނެވެ. ކުރީ ސަރުކާރުން ބޭރު ބަޔަކާއި ހަވާލުކޮށްގެން ހިންގަމުން އައި ފްލައިން ސްކޫލުގެ މައްސަލަގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާވެސް ފްލައިންގ ސްކޫލްގެ ދަރިވަރުން ބައްދަލުކޮށް، އެކުދިންގެ ކަންބޮޑުވުން ހިއްސާކުރިއެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ފްލައިން ސްކޫލު ހުއްޓުމުގެ ސަބަބުން މަގުމަތިވި ދަރިވަރުންނަށް ލުއި ފަސޭހަ ގޮތްތަކަކާއެކު ކިޔެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ސަރުކާރުން ވަނީ ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމްގެ ފީގެ ގޮތުގައި ދައްކަންޖެހޭ 1،500 ޑޮލަރު، ލޯންގެ ގޮތުގައި ދަރިވަރުންނަށް ދޫކުރަން ނިންމާފައެވެ. އަދި ފްލައިންގ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ސަރުކާރުން ލޯން ހަމަޖައްސައިދެއްވަންވެސް ސަރުކާރުން ވަނީ ނިންމާފައެވެ.