ޚަބަރު

ހުޅަނދު ދެކުނު ހާބަރުގައި ފުޑް ކޯޓުތައް ހަދަނީ


މާލޭގެ ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދުގައި ހަދާ ފުޑް ކޯޓްގެ ހެދުމުގެ އެންމެ ފަހުގެ ނިންމުންތައް އަންނަ ހަފްތާގެ ތެރޭގައި ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އެތާނގައި ހަދާ ފުޑްކޯޓްގެ ފަރުމާއަކީ ރާއްޖޭގައި އަލަށް ބޭނުންކުރެވޭ ފަރުމާއެކެވެ.  މާލޭގެ ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދު މިހާރު ފެނިގެންދަނީ މީގެ ދުވަސްތަކެއް ކުރިން އެތަން ފެނިގެން ދިޔަ ގޮތަކަށް ނޫނެވެ. އެ ސަރަޙައްދަށް ގެންނެވި އެންމެ ބޮޑު ބަދަލެއް ގޮތުގައި ފެނިގެންދަނީ، ކުޑަކުދިން ހިތްފަސޭހަކޮށް މަޖާކޮށްލުމަށް ހުޅުއްވި "ރާވެރިބޭގެ މައިޒާނާއި" އެކި ދިމަދިމާއިން އެތަނަށް ވަދެވޭނެ ގޮތަށް މަގުތައް ފުޅާކުރެއްވުމެވެ. އެހެންކަމުން މިހާރު އެ ސަރަޙައްދު ވަނީ، ތަނަވަސް މާޙައުލަކަށް ބަދަލުވެފައެވެ. ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދަކީ، އެތާނުގެ ވެށީގައި ވިޔަފާރިތައް ފުޅާވެ މުޅި އެ ސރަޙައްދުގައި ކޭފޭތައް ހަދާފައި އޮތް ތަނެކެވެ. އެހެންނަމަވެސް އެތާނގައި ހުޅުއްވި ޕާކާއެކު، ކުރިން ހުރި ކެފޭތައް ބަދަލުކޮށް ޒަމާނީ ގޮތަކަށް އެތަން ބަދަލުކުރުމަށް ހައުސިން މިނިސްޓްރިން ވަނީ ނިންމަވާފައެވެ. އެގޮތުން އެތާނގައި ހަދާ ފުޑް ކޯޓް ހެދުމަށް ބަޔަކާ ޙަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ހައުސިންގ މިނިސްޓްރީގައި ގެންދަވަނީ ކުރައްވަމުންނެވެ. ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ ލަފާފުޅާއެއްކޮށް، މިހާރު އެތާނގައި ހުރި ކެފޭތައް ނެންގެވުމަށްފަހު، ބޭރު ޤައުމުތަކުން ފެންނަ ކަހަލަ ފުޑް ކޯޓްތަކެއް އެތާނގައި ހަދާނެ ކަމަށާއި، އެމަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށެވެ. ފުޑް ކޯޓްތައް ހެދުމަށް ނިންމަވާފައިވަނީ، އެތާނގައި ހުންނަ ތަފާތު ކާބޯތަކެތި ވިއްކާ އެކި ތަންތާނގެ ޚިދުމަތް ލިބިގަންނަ އެންމެންވެސް އެ ސަރަޙައްދެއްގައި ތިބޭ ފަދަ ކޮމަން ސީޓިން އޭރިއާއަކާއި އެކުގައި ކަމަށްވެސް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. މިހާރު އެތާނގައި ހުރި ކެފޭތައް ނެގުމަށް ކެފޭތަކުގެ ވެރިފަރާތްތަކަށް ވަނީ ނޯޓިސް ދެއްވާފައެވެ.\ފުޑްކޯޓް ހެއްދެވުމުގެ މަޝްރޫޢު ނިމޭއިރު އެތަން ފެންނާނީ ޒަމާނީ ބަދަލުތަކާއެކުއެވެ. ހައުސިންހ މިނިސޓްރީން ފާހަގަކުރައްވާ ގޮތުގައި، މާލެއަށް މިހާރު ގެންނަވަމުން އަންނަ ބަދަލުތައް ގެންނެވުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މިއީ ރައްޔިތުންގެ މަންފާއަށްޓަކައި ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެކެވެ.