ކުޅިވަރު

އިނގިރޭސި އެފް އޭ ކަޕްގެ ތިންވަނަ ބުރުން އާސެނަލް ކަޓައިފި


އިނގިރޭސި އެފް އޭ ކަޕްގެ ތިންވަނަ ބުރުގައި ނޮޓިންގހަމް ފޮރެސްޓާއި އާސެނަލް ބައްދަލުކުރިމެޗް ފޮރެސްޓް ކާމިޔާބުކޮށް އާސެނަލް މުބާރާތުން ކަޓުވާލައިފިއެވެ. މިއީ އެފް އޭ ކަޕްގައި ވޭތުވެދިޔަ ހަތަރު އަހަރު ފޮރެސްޓް އަތުން އާސެނަލް ބަލިވި ދެވަނަ ފަހަރެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހައިދިނީ ލުވިސް ގްރަބާންއެވެ. ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އާސެނަލްގެ ފަރާތުން މިމެޗުން މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިމެޗަށް އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް މުހިންމު ތިން ކުޅުންތެރިންކަމަށްވާ ބުކާޔޯ ސާކާ އާއި މާޓިން އެޑެގާޑް އާއި ގެބްރިއެލް މާޓިނެއްލީ ކުޅުނެވެ.

މެޗަށްފަހު އާޓެޓާ ބުނީ މިމެޗްގައި އޭނާގެ ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވުނު ކަމަށާއި މިމެޗްގައި ދެއްކުނު ކުޅުމަށް ޓީމުން މައާފަށް އެދެން ޖެހޭކަމަށެވެ. އަދި ކޮންމެ މެޗެއްގައި ކޮންމެ ޓީމަކާ ދެކޮޅަށްވެސް ކޮންމެ ހާލެއްގައިވެސް މޮޅުވުމުގެ ރޫހު ކުޅުންތެރިންގެ ކިބައިގައި ހުންނަން ޖެހޭ ކަމަށާއި ނަމަވެސް މިމެޗްގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން އެކަން ނުފެނުނު ކަމަށް އޭނާ ހާމަކުރިއެވެ. އެހެންކަމުން ކުޅުންތެރިންނަށް ދެއްކުނު ކުޅުމާއި މެދު ހިތްހަމަނުޖެހޭ ކަމަށް އާޓެޓާ ބުންޏެވެ. ފޮރެސްޓަކީ ކުޅެން ފަސޭހަ ޓީމެއް ނޫން ކަމަށާއި އޭނާ ކުޅުނު އިރުވެސް މިފަދަ ގިނަ މެޗްތަކުގައި ކުޅެވިފައިވާ ކަމަށާއި އެހެންވުމުން މެޗް ކާމިޔާބު ކުރުމަށް އެހެން ގޮތްތަށް އިހްތިޔާރު ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އެކަން މިމެޗްގައި ނުފެނުނީކަމަށެވެ.

އިނގިރޭސި އެފް އޭ ކަޕްގެ ތާރީހްގައި މިމުބާރާތް ކާމިޔާބުކޮށްފައިވާ ޓީމް ތަކުގެ ތެރެއިން ޓީމްތައް ތިންވަނަ ބުރުގައި 1996 ވަނަ އަހަރަށް ފަހު ބަލިވެފައިވަނީ ދެފަހަރުއެވެ. އަދި މިދެފަހަރުވެސް ބަލިވެފައިވަނީ ފޮރެސްޓް އަތުންނެވެ.