ޚަބަރު

ފައިސާ ދޫކުރަން ޝަރުތު ހަމަވަނީ 4 ސިޔާސީ ޕާޓީއެއް

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބީ 4 ސިޔާސީ ޕާޓީއެއްގައިކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ޕާޓީތަކަށް ފައިސާ ދޫކުރުމުގައި އިލެކްޝަނުން ބަލާފައިވަނީ މިއަހަރަށް ބަޖެޓް ފާސްކުރިއިރު 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ، ބަޖެޓް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ 4 ޕާޓީއެއްގައި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ.

ޤާނޫނުގައި ފައިސާ ދޫކުރުމަށް، ކަނޑައެޅި އަދަދަށް މެމްބަރުން ހަމަވާ ޕާޓީތައް:
- އެމްޑީޕީ 50،505 މެމްބަރުން
- ޕީޕީއެމް 35،350 މެމްބަރުން
- ޖުމްހޫރީ ޕާޓީ 12،747 މެމްބަރުން
- އަދާލަތު ޕާޓީ 11،306 މެމްބަރުން

ފުއާދު ވިދާޅުވީ ޤާނޫނުގައި ބުނާގޮތަށް ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ މިއަހަރުގެ މާޗްމަހުގެ ކުރިން ދޫކުރުމަށް މަސައްކަތް ކުރާކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް މެމްބަރުން އިތުރު ކުރުމަށް ޕާޓީތަކުން އިލެކްޝަނަށް ގިނަ އަދަދެއްގެ ފޯމު ހުށަހަޅާފައިވާއިރު އިލެކްޝަނުން ދަނީ ފޯމްތައް ކަށަވަރުކޮށް ދަފްތަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރު ނިމުނުއިރު ޗެކް ނުކުރެވި ހުރި 26853 ފޯމު ހުރިކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އިލެކްޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ޗެކު ނުކުރެވިވާ ފޯމުތަކުގެ ތަފްސީލް:
- އެމްޑީޕީ 12625 ފޯމު
- ޖުމްހޫރީ ޕާޓީ 11،512 ފޯމު
- ޕީޕީއެމް 850 ފޯމު
- އެމްއެންޕީ 165 ފޯމު

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު ދިވެހި ރައްޔިތުންގެ ޕާޓީއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި, ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވެއެވެ. އެންމެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއަކީ އެމްއެންޕީއެވެ.