ކުޅިވަރު

ސަޕޯޓަރުން ނުވައްދާ މުބާރާތްތައް ބޭއްވުމަށް އެޗްޕީއޭއިން އަންގައިފި


މާލެ ސަރަހައްދުގައި ކުޅޭ ކުޅިވަރު މުބާރާތްތަކާއި ކުޅިވަރުތައް ކުޅޭއިރު ސަޕޯޓަރުން ވެއްދުން އެޗްޕީއޭއިން މަނާކޮށްފިއެވެ. މީގެ ކުރިންވެސް ކޯވިޑް-19ގެ ހާލަތު ގޯސްވުމުން އެޗްޕީއޭއިން ވަނީ ސަޕޯޓަރުން ނުވައްދާ ކުޅިވަރު ކުޅުމަށް ހުއްދަ ދީފައެވެ. އަދި ބައެއް ހާލަތުތަކުގައި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް އެޗްޕީއޭއިން މާނާކުރިއެވެ. އާ އަހަރަށްފަހު، މިހާރު މާލެ ސަރަހައްދުގެ ކޯވިޑް-19ގެ ކޭސްތައް ދަނީ މަޑުމަޑުން އިތުރުވަމުންނެވެ.

މިކަމާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އޮމިކްރޯން ވޭރިއަންޓު ރާއްޖެއިން ފެނުމުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުޅިބަލާ މީހުންނަށް ވަދެވޭގޮތަށް، ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށް ވަނީ އަންގާފައެވެ. އަދި ފަންސާސް މީހުންނަށް ވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. މިދުވަސްވަރު މާލެ ސަރައްހައްދުގައި ކުރިއައްދާ އެންމެ ބޮޑު މުބާރާތްތަކީ ޕްރެޒިޓެންސް ކަޕް ފުޓްބޯޅަ މުބާރާތެވެ. މިދިޔަ މަހުގެ 19ވަނަ ދުވަހު ފެށި ޕްރެޒިޓެންސް ކަޕް ފުޓްބޯޅަ މުބާރާތް ފަށާފައި ވަނީ ސްޕޯޓަރުން ނުވައްދައެވެ.