ވިޔަފާރި

ބީއެމްއެލްގެ ކޭޝް އޭޖެންޓް ބޭންކިންގ ޙިދުމަތް ހޯނޑެއްދޫއަށް


ބޭންކް އޮފް މޯލްޑިވްސްއިން ގދ. ހޯނޑެއްދޫގައި ކޭޝް އޭޖެންޓް ބޭންކިންގ ޙިދުމަތް ތައާރަފްކޮށްފިއެވެ.

މިއާއެކު އެބޭންކުންގެ ކޭޝް އެޖެންޓުންގެ އަދަދުވަނީ 100 އަރާފައެވެ.

އޭޖަންޓް ބޭންކިންގގެ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމް އެއް ނެތް ރަށްރަށުގައި އޭޖެންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ. 2015 ވަނަ އަހަރު މި ހިދުމަތް ފެށިފައިވަނީ ހަމައެކަނި ފައިސާ ނެގުމުގެ ހިދުމަތާއެކުވެ. ނަމަވެސް މިހާރު، އޭޖަންޓުން މެދުވެކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާނުލާ މިހާރު ފައިސާ ނެގުމާއި، ޖާމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލުން ބުނެއެވެ. ކަސްޓަމަރުންނަށް ކޭޝް އޭޖަންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާއާ ހަމަޔަށް ފައިސާ ނެގޭނެއެވެ. އަދި ދުވާލަކު 10،000 ރުފިޔާއާ ހަމަޔަށް ފައިސާ ޖަމާކުރެވޭނެއެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރްދީން ވިދާޅުވީ އެބޭންކުން މަސައްކަތްކުރަނީ މިއަހަރު ތެރޭގައި މި ހިދުމަތް މީހުން ދިރިއުޅޭ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށްކަމަށެވެ.

"މިއަދު މި ފާހަގަކުރެވެނީ އަޅުގަނޑުމެންގެ އޭޖަންޓް ބޭންކިންގ ހިދުމަތް 100 އެޖެންޓުން މެދުވެރިކޮށް ދޭން ފަށާ މުހިންމު މުނާސަބާ. މިއީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިންގ ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއް." ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރްދީން ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 76 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން ހާމަކުރެއެވެ.