ޚަބަރު

ދިއްފުށީ ބިންހިއްކާއިރު ގިރާ ސަރަޙައްދުގެ މައްސަލަ ހައްލުކުރެވޭނެ: ރައީސް


ދިއްފުށީ ބިންހިއްކާއިރު ގިރާ ސަރަޙައްދުގެ މައްސަލަވެސް ޙައްލު ކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން، ކައުންސިލުން ވަނީ ރަށްގިރުމުގެ މައްސަލައާއި ސިނާއީ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާ ގުޅޭގޮތުންނާއި ރަށުގެ ބިންހިއްކުމާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް ލެބޯޓްރީގެ ޚިދުމަތް އަވަހަށް ފެށުމަށް ބޭނުންވާކަމާއި ރަށަށް އައު އެމްބިއުލަންސްއެއް ބޭނުންވާކަމާއި ސްކޫލުގައި އޭލެވެލް ފެށުމާއި މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އިތުރު މިސްކިތެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިހާރު ކުރިޔަށްދާ ފުޓްބޯޅަދަނޑު ތަރައްޤީކުރުމާއި އައުޓްޑޯޖިމްގެ މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުންނާއި ރަށަށް ފުލުހުންގެ ޚިދުމަތް ބޭނުންވާކަމާއި އަދި މި ނޫންވެސް ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިއްފުށީ ބިންހިއްކައި ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭން ކައުންސިލާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން ބިންހިއްކާއިރު ގިރާ ސަރަޙައްދުގެ މައްސަލަވެސް ޙައްލު ކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ފުލުހުންގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭނާއި ރަށްރަށަށް ބޭނުންވާ މިންވަރަށް އެމްބިއުލަންސް ހަމަކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތަކާއި އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް އެމަނިކުފާނު ދިއްފުށީ ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަން ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަން ފާހަގަކުރައްވާފައެވެ.