ޚަބަރު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ބަލާނެ މިންގަނޑު އާއްމުކޮށްފި


ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ގިންތި ކުރެވޭ ޤަވާއިދު އާއްމުކޮށް، ވިޔަފާރިތައް ގިންތިކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތި ކުރަނީ ކުދި މެދުފަންތީގެ ވިޔަފާރިތަކާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީންނެވެ. އެގޮތުން ވިޔަފާރިތައް ގިންތި ކުރުމުގައި ބަލާނެ މިންގަނޑުތައް އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

ޤަވާއިދުގައިވާ ގޮތުން އިކޮނޮމިކް މިނިސްޓްރީން ގިންތި ކުރުމުގައި ބަލާނީ ވިޔަފާރިއެއްގައި މުވައްޒަފުން ތިބި އަދަދާއި އަހަރެއްގައި ތެރޭގައި ލިބޭނެ ކަމަށް ލަފާ ކުރެވޭ އާމްދަނީއާއި، އަދި ސާފު ފައިދާއަށެވެ.

އިކޮނޮމިކް މިނިސްޓްރީން ޝާޢިއުކޮށްފައިވާ ޤަވާއިދުގައިވާ ގޮތުން، އެންމެ ކުދި ވިޔަފާރިއެއްގެ ގޮތުގައި ބަލާނީ ގިނަވެގެން ފަސް މުވައްޒަފުން މަސައްކަތް ކުރާ، އާމްދަނީގެ ގޮތުގައި ޖުމްލަ އާމްދަނީ 500،000 ރުފިޔާއަށް ވުރެ މަތި ނުވާ، އަދި ސާފު ފައިދާގެ ގޮތުގައި އަހަރެއްގެ މައްޗަށް 75،000 ރުފިޔާއަށްވުރެ ގިނައިން ނުލިބޭ ވިޔަފާރިތަކަށެވެ.

ކުދި ފަންތި ނުވަތަ ސްމޯލް ބިޒްނަސްއެއްގެ ގޮތުގައި ބަލަނީ، މަދުވެގެން 6 މުވައްޒަަފުން އަދި ގިނަވެގެން 30 މުވައްޒަފުން ހިމެނޭ، ޖުމްލަ އާމްދަނީގެ ގޮތުގައި ފަސް ލައްކައާއި 5 މިލިއަން ރުފިޔާ ދެމެދު އާމްދަނީއެއް ލިބޭ އަދި ސާފު ފައިދާގެ ގޮތުގައި މަދުވެގެން 75،000ރ. އަދި ގިނަވެގެން 750،000ރ. ދެމެދު އަދަދެއް ލިބޭ ވިޔަފާރިތަކެވެ.

މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި މި ޤަވާއިދުގެ ތެރެއިން ބަލަނީ މަދުވެގެން 31 މުވައްޒަފުން ހިމެނޭ އަދި ގިނަވެގެން 100 މުވައްޒަފުން ތިބި ވިޔަފާރިތަކަށެވެ. މި ވިޔަފާރިތަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5 މިލިއަން ރުފިޔާއާއި 20 މިލިއަން ރުފިޔާ ދެމެދު ލިބެން ޖެހޭއިރު، ސާފު ފައިދާގެ ގޮތުގައި އެންމެ މަދުވެގެން 750،000 ރުފިޔާ އަދި ގިނަވެގެން މިލިއަން ރުފިޔާ ލިބެން ޖެހެއެވެ.

މި މިންގަނޑުގެ ތެރެއިން އެންމެ މަތީ އަދަދަށް ވުރެ އިތުރުވާނަމަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ނުބެލެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިއިން އެއްވެސް މިނގަނޑަކަށް ވިޔަފާރިއެއް ނުފެތޭ ނަމަ އެ ވިޔަފާރިއެއް ގިންތި ކުރަން ބޭނުންކުރާ ފޯމިއުލާ ވަނީ ގަވާއިދުގައި ހިމަނާފައެވެ.

މި ޤަވާއިދުގެ ދަށުން ގިންތި ކުރާ ހުރިހާ ވިޔަފާރިއެއްވެސް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ޝާޢިއުކުރެވޭނެއެވެ. އަދި މި ޤަވާއިދު އާންމު ކުރުމާއި ހަމައަށް ގިންތި ކޮށްފައިވާ ވިޔަފާރިތަކަށް ދީފައިވާ ހުއްދަ މި ޤަވާއިދުގެ ދަށުން ގިންތި ކުރުމާއި ހަމައަށް ދެމި އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތި ކުރުމަށް ހުޅުވާލާފައިވަނީ އެ މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ގިންތި ކުރާނެ މިންގަނޑު އާންމުކޮށްފައިވާއިރު، މިއަހަރު ޢަމަލު ކުރަން ފަށާ މިނިމަމް ވޭޖުގެ ސިޔާސަތުގެ ދަށުން އެންމެ ކުދި ވިޔަފާރިތައް މިނިމަމް ވޭޖް ދިނުމުން އިސްތިސްނާވާނެ ކަމަށް އިކޮނިމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.