ޚަބަރު

އޮމިކްރޯނުގެ ބިރުބޮޑުވެ އިންޑިޔާގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެން ފެށުމުން އިންޑިޔާގެ އެކި ސުޓޭޓުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 159,632 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޢަދަދުވަނީ 35.5 މިލިޔަނަށް އިތުރުވެފައެވެ. އަދި ބަލިމަޑުކަމުގައި އިންޑިޔާގައި އިތުރު 327 މީހުން މަރުވެ ޖުމުލަ ޢަދަދުވަނީ 484،000އަށްވުރެ އިތުރުވެފައެވެ.

އިންޑިޔާގެ އެންމެ މުއްސަނދި ސުޓޭޓުކަމަށްވާ މަހާރާޝްތުރާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ އެ ސުޓޭޓުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 41،000އަށްވުރެ އިތުރުވެފައިވާކަމަށެވެ. އެއާއެކު މަހާރާޝްތުރާގެ ސަރަޙައްދީ ސަރުކާރުންވަނީ ޕޫލްތަކާއި ޖިމުތައް ބަންދުކުރަން ނިންމައިފައެވެ. އެ ސުޓޭޓުގެ މަދަރުސާތައްވަނީ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފައެވެ. އޭގެ އިތުރުން އެ ސުޓޭޓުގައި ހިންގައި އަމިއްލަ އިދާރާތަކަށް ވަދެވޭނީ ކޯވިޑް-19ގެ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވާ މީހުންނަށްކަމަށާއި އިދާރާތަކުގައި މަސައްކަތްކުރެވޭނީ %50 މީހުންނަށްކަމަށްވަނީ ކަނޑައަޅައިފައެވެ.

ޖެހިގެން އޮތް އަވަށްޓެރި ގުޖުރާތު ސޫޓޭޓުގެ ސަރަޙައްދީ ސަރުކާރުން ނިންމާފައިވަނީ ރޭގަނޑު ބޭރަށް ނުކުމެވޭ ވަޤުތު ކުޑަކުރުމަށާއި ޞިއްޙީ ޚިދުމަތްތެރިންނަށް ޗުއްޓީ ނުދިނުމަށެވެ.