ޚަބަރު

ވުމެންސް އިންވިޓޭޝަން ކަޕްގެ ޗެންޕިއަންކަން ޑޮޓްކޮމް ހޯދައިފި


އެފްއޭއެމް ވުމެންސް އިންވިޓޭޝަން ކަޕްގެ ޗެންޕިއަންކަން ޑޮޓްކޮމް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މިމުބާރާތުގެ ޗެންޕިއަންކަން ޑޮޓްކޮމް ސްޕޯޓްސް ކްލަބުން ހޯދާފައިވަނީ ފައިނަލް މެޗްގައި އެޕެކްސް ސްޕޯޓްސް ކްލަބް 1 ލަނޑު 0 ލަނޑުން ބަލިކޮށްގެންނެވެ. މިމެޗުން އެޕެކްސް ސްޕޯޓްސް ކްލަބް ބަލިވި ނަމަވެސް، އެޓީމްވަނީ މެޗްގައި ގޯލް ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މިމުބާރާތުގެ ލީގު ބުރުގައި އެޕެކްސްއިން ވަނީ ޑޮޓްކޮމްގެ މައްޗަށް 2 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ.

މިއަދު ކުޅުނު ފައިނަލް މެޗްގައި އެޕެކްސް ސްޕޯޓްސް ކްލަބްއިން ގޯލް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އެޓީމަށް ނާކާމިޔާބުވިއިރު، ޑޮޓްކޮމްއިން މެޗްގައި ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗްގެ ފަހު މިނެޓްގެ ތެރޭގައެވެ. މިލަނޑަކީ އެޕެކްސް ސްޕޯޓްސް ކްލަބް ފާޠިމަތު މިއުޝާ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލްއެކެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަކަށް އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑޮޓްކޮމްއަށް ކުޅޭ ޤައުމީ ޓީމުގެ ޝަހުލާއެވެ. އެންމެ ގިނަ ގޯލު ޖެހީ އެޕެކްސްގެ މިއުޝާއެވެ. މިއުޝާ ވަނީ މުބާރާތުގައި ޖުމްލަ 11 ގޯލު ޖަހައިފައެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ކުރެންދޫ އެފްސީއެވެ.

އެފްއޭއެމުން ވަނީ އިންވިޓޭޝަނަލް މުބާރާތްތަކެއް ލ. އަތޮޅާއި ހދ. ކުޅުދުއްފުއްޓާއި ފުވައްމުލަކުގައި ވެސް ބާއްވަން ނިންމާފައެވެ. އަދި މާލޭގައި ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި އަންހެން މުބާރާތުގެ ބައެއް ކުޅޭގޮތަށްވެސް އެފްއޭއެމްއިންވަނީ ނިންމާފައެވެ. މި ފަސް ބައިގެ ޗެމްޕިއަނުން މާލޭގައި ފައިނަލް ބުރެއް ކުޅުމަށް ފަހު ރާއްޖޭގެ އަންހެން ޗެމްޕިއަނުން ހޮވާ ގޮތަށް ވަނީ ނިންމާފައެވެ.