ޚަބަރު

ރާއްޖެއާއި ޗައިނާގެ 50 އަހަރުވީ ގުޅުމުގެ ރަމްޒެއްގެ ގޮތުން ފުޅުބޯޅަ ސްޓޭޑިއަމެއް!


ރާއްޖެއާއި ޗައިނާގެ ސިޔާސި ގުޅުމަށް 50 އަހަރު ފުރުމުގެ ރަންޔޫބީލްގެ ރަމްޒެއްގެ ގޮތުގައި ޗައިނާއިން ހުޅުމާލޭގައި ފުޓްބޯޅަ ސްޓޭޑިއަމެއް ޤާއިމްކުރަމުންދާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ، ޢަބްދުﷲ ޝާހިދު މިކަން ހާމަކުރައްވާފައިވަނީ މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވާންގް ޔީއާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު ދެބޭފުޅުން ދެއްވި ބަޔާނުގައެވެ.

ދެބޭފުޅުންކުރެއްވި މަޝްވަރާތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ދެމުންއަންނަ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ ވަނީ ރާއްޖޭގައި ޗައިނާއިން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢުއާއި، ހައުސިންގ މަޝްރޫޢުއާއި ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ ކޯވިޑާ ގުޅިގެން ޗައިނާއިން ވެދިން އެހީތެރިިކަންވެސް ފާހަގަކުރައްވާފައެވެ. މިގޮތުން ޗައިނާއިން ރާއްޖެއަށް ދެލައްކަ ސިނޮފާމް ވެކްސިން ހަދިޔާކުރިކަން ފާހަގަކުރައްވައި މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި ސޮއިކުރި 5 އެއްބަސްވުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ވަނީ ދިވެހިންނަށް ވިސާއާއި ނުލައި 30 ދުވަހުގެ މުއްދަތަށް ޗައިނާއަށް ދަތުރުކުރެވޭނެ އޮންއެރައިވަލް ވިސާ ހަމަޖައްސައިދެއްވިކަން ފާހަގަކުރައްވާއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް 968 މިލިއަން އެއްލައްކަ ނުވަދިހަ ހަތް ހާސް ހަ ސަތޭކަ އެކާވީސް ރުފިޔާ ނުވަތަ 62.8 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖެއިން އެންމެ އިސްކަންދެއްވާ އެއް ދާއިރާގެ ގޮތުގައި އިންސާނީ ވަސީލާތް ބިނާކުރުންކަން ފާހަގަކުރައްވާ މިދާއިރާއިންވެސް ފުޅާ ދާއިރާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޗައިނާގެ އެހީގައި ހިންގަމުން އަންނަ މަޝްރޫޢުތަކުގެ އެންމެ ފަހުގެ ތަފްސީލް ޗައިނާގެ މިނިސްޓަރަށް އެރުއްވިކަން ފހަގަކުރައްވާ މިނިސްޓަރ ވަނީ އެ މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ދެޤައުމުގެ ގުޅުމަށް ފަންސާސް އަހަރު ފުރޭ މުނާސަބަތުގެ ރަމްޒުކޮށްދިނުމުގެ ގޮތުން ޗައިނާގެ އެހީގައި ހުޅުމާލޭގައި ރަސްމީ ފުޓްބޯޅަ ދަނޑެއް ޤާއިމްކުރުމުގެ މަސައްކަތްކުރިއަށްދާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ގާތް ބައިވެރިއެއްކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެގައުމު ގުޅިގެން ކުރާ މަސައްކަތްތަކާއި، އދ.އާއެކު މިހާރަށްވުރެ ގާތުން މަސައްކަތްކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ޤައުމަކަށް ކޯވީޑުން ދިފާއުވުމަށް ވެކްސިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ވިދާޅުވެ ރާއްޖެއަށް ދަތުރުފުޅު ކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވާންގް ޔީ ދެއްކެވި ވާހަކަފުޅުގައި ވަނީ އެޤައުމުން ގުޅުން ބަދަހިކުރުމުގައި ކުޑަ ޤައުމެއް އަދި ބޮޑު ޤައުމެއް ތަފާތު ނުކުރާކަމަށެވެ.